ހަބަރު

ޖޭއެސްސީގެ ފަސް މެންބަރެއްގެ މައްސަލަ ދީދީ ފުލުހަށް ހުށަހަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަސް މެންބަރެއްގެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ ފަނޑިޔާރު ދީދީ މިރޭ ސިޓީއަކުން އެ އިދާރާއަށް މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލައަކީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ މައްސަލައެއްތޯ ބަލައި ދިރާސާ ކުރަމުންދާ ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހަޅާފައިވަނީ އޭނާގެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީ ނިންމި ނިންމުމުގައި ބައިވެރިވި ފަސް މެންބަރުންގެ މައްސަލަ އެވެ.

ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައިވާއިރު އެ ސަސްޕެންޝަން އުވާލުމަށް އޭނާ ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އެންގީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިތުރު އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށެވެ.

ނަމަވެސް އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރަކީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅައި އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރު ގަބޫލު ނުކުރަން ނިންމި އެވެ. އަދި ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމި އެވެ.

ޖޭއެސްސީއިން އެހެން ނިންމާފައިވީ ނަމަވެސް އަމަލު ކުރާނީ ސުޕްރީމް ކޯޓުގެ އަމުރަށް ކަމަށް ވިދާޅުވެ، ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވަ އެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން މާދަމާ ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވަން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

އަބްދުﷲ ދީދީގެ މައްސަލާގެ އިތުރުން އެކެއް ފެބުރުއަރީގެ އަމުރު ބާތިލްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ވެސް ވަނީ ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފަ އެވެ.