ލައިފްސްޓައިލް

ނޫނެކޭ ބުނަން ޖެހިލުންވަނީ ކީއްވެ؟

ނޫނެކޭ ބުނަން ވަރަށް ގިނަ ފަހަރަށް ޖެހިލުން ވެއެވެ. ވަގުތާއި ކޮމިޓްމެންޓް ދެވެން ނޯންނަ އިރުވެސް މީހަކު ކަމަކު ބުނެފިއްޔާ ނޫނެކޭ ބުނުމުގެ ބަދަލުގައި އެކަމެއް ކޮށްދޭން އާނއެކޭ ބުނެވޭ ފަހަރު ގިނަ އެވެ. ގިނަ ފަހަރަށް އާނ ބަސް ބުނުމުން ދިރިއުޅުން ސްޓްރެސްއަށް ވެއްޓެ އެވެ. އަމިއްލައަށް ނޭވާލާނޭ ހިނދުކޮޅެއް ވެސް ނުލިބެ އެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގައި ލައި ނުގަނެގެން ގޮސް ފޯކަސް ގެއްލިގެން އުޅެންޖެހެ އެވެ.

މީހުނަށް ނޫނެކޭ ބުނަން ޖެހިލުންވަނީ މަސްލަހަތު ގޯސްވެދާނެތީ އެވެ. އެހެން މީހުން ރުޅި އަތުވެދާނެތީ އެވެ. އެކަކު އަނެކާ ދެމެދު އޮންނަ ގުޅުމަށް ބުރުލެއް އަރާފާނެތީ އެވެ. އާއިލާގެ މީހުނާއި ހަޔާތުގެ ބައިވެރިޔާ އާއި ގާތް ރަހުމަތްތެރިންނާއި ނުވަތަ އޮފީސް މާހައުލުގައި ނަމަ ބޮސްއާއެކު އޮންނަ ގުޅުން ކަމުގައި ވިޔަސް މިކަން މިގޮތަށް ހިނގައެވެ.

ވިސްނަންވީ ކަންކަން އެބަހުއްޓެވެ. ނޫނެކޭ ބުނަން ދަސްކުރަން އެބަޖެހެ އެވެ. ކުޑަކުދިންނަށް ވެސް ނޫނެކޭ ބުނަން ދަސްކޮށްދޭން އެބަޖެހެ އެވެ. އެއީ އެކުދިން ނުރުހޭ ކަހަލަ ކަމެއް ނުވަތަ ހާލަތެއްގައި އެކުދިންނަށް ނޫނެކޭ ބުނަން ދަސްކޮށް ދިނުމަކީ އެ ކުދިން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެކެވެ. މިކަން ވެގެންދާނީ ސުކޫލް މާހައުލުގައި ވެސް ކުދިންނަށް އެހެން ކުދިންނާއެކު އުޅުމުގަ އާއި ކުޅުމުގައި ވެސް ބޭނުން ކުރެވޭނެ އުކުޅަކަށެވެ.

ކުއްޖާގެ ވިސްނުމާއި ގަބޫލު ކުރުންތަކާއި ދެކޮޅަށް ކަމެއް ކުރަން އެހެން ކުއްޖަކު ނުފޫޒާއި ބާރު ފޯރުވާނަމަ އެއީ އެކުއްޖަކު ނުރުހޭ ކަމެއް ކުރުން ބުނަން އެނގެން ޖެހެއެވެ. މިއީ ކުއްޖާގެ އަމިއްލަވަންތަކަން ބިނާ ކޮށްދޭނެ ކަމެކެވެ. ނުނެކޭ ބުނަން އެނގޭނަމަ އެހެން މީހުން ނޫނެކޭ ބުނުމުން އެކަމަށް އިޙްތިރާމް ކުރަން ވެސް ދަސްވާނެ އެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ނޫނެކޭ ބުނަން އުނދަގޫވާ ފަހަރު އާދެއެވެ. އެއްޗެއް ވިއްކާ މީހަކަށް ނޫނެކޭ ބުނަން ނުކެރިގެން ކިތައް ފަހަރަށް ބޭނުން ނުވާ އެއްޗެއް ގަނެވިފައިވޭ ހެއްޔެވެ؟ އަދި ކެފޭއަކަށް ދިޔައަސް މީހަކު ބުނާ އެއްޗަކަށް ނޫނެކޭ ބުނަން ނުކެރި އޯޑަރަށް ބަދަލު ގެންނަން ޖެހިފައި އެބަހުރި ހެއްޔެވެ؟ މިއީ ހައްތަހާވެސް މިސާލެވެ.

ރައްޓެހިންނާއި ބައްދަލުކޮށް ކޮފީއަށް ގޮސް ހަދާއިރު ވެސް ނޫނެކޭ ބުނަން ޖެހޭ ހާލަތެއްގައި ޖެހިލުން ނުވާށެވެ. ގިނަ ފަހަރަށް ނޫނެކޭ ބުނަން ނުކެރެނީ ޕިއާ ޕްރެޝަރާއި ހެދި އެވެ.

ވަޒީފާގެ މާހާއުލުގައި ނޫނެކޭ ބުނުމަށް ވަރަށް ގިނަ ފަހަރު ދަތިވެ ދާނެ އެވެ. އެހެން ނުވެއްޖެނަމަ އޭގެ ސަބަބުން ވަޒީފާގައި ލިބެން ހުރި ކުރިއެރުންތަކާއި ބޯނަސްއަށް ގެއްލުންވާ ފަހަރު ވެސް އާދެ އެވެ. އެކަށީގެންވާ ވަރަށް ޕާފޯމް ނުކުރެވޭ ކަމަށް ނިންމާ ފަހަރު ވެސް އާދެ އެވެ.

ނޫނެކޭ އަމިއްލަ ނަފްސަށާއި ހިޔާލުތަކަށް ވެސް ބުނަންޖެހޭ ފަހަރު އާދެއެވެ. ޓެކް ލެޖެންޑް އެޕްލް ކުންފުނީގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް ވިދާޅުވާ ގޮތުން ކަންކަމަށް ބޮޑަށް ފޯކަސް ކުރުމަށް ބޭނުންނަމަ ބުނަންވީ ނޫނެކޭ އެވެ. އެހެން ހުރިހާ ކުދި ހިޔާލަށް ނޫނެކޭ ބުނުމުން ކުރަން އުޅޭ އެއްކަމަކަށް ފޯކަސް ރަނގަޅުވެ އެކަން ކުރެވޭނެ އެވެ.