ދިވެހި ސިނަމާ

މުއާގެ "ލީނާ" ޖުލައި 23 ގައި ފެންނާނެ

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭ ކުރިން މަރާލާފައިވާ، އަޒްލީނާ ނަފީސްގެ މަަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމު "ލީނާ" އަންނަ މަހު 23 ގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.

އަބްދުﷲ މުއާޒްގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" އުފެއްދުމަށް ތިން އަހަރަށްވުރެ ގިނަަ ދުވަސް ވަންދެން ވަނީ މަސައްކަތް ކޮށްފަ އެވެ. ރާއްޖޭގައި ހިނގި މަރުގެ ހާދިސާއަކަށް އިންސްޕަޔާ ވެގެން ހަދާފައިވާ މި ފިިލްމުގެ ޝޫޓިން މިދިޔަ އަހަރު ނިންމާލި އިރު މިހާރު ކުރިއަށް ދަނީ މި ފިލްމުގެ އެންމެ ފަހުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކަމަށް ފިލްމު ޕްރޮޑިއުސަރު މުއާ ބުންޏެވެ.

"މިދިޔަ އަހަރު ޝޫޓިންގް ނިންމާލި ގޮތަށް މިހާރު ކުރިއަށް ދަނީ ފިލްމުގެ ޑަބިންގްގެ މަސައްކަތް. ދެން ވަރަށް އަވަހަށް ފިލްމުގެ ޓިކެޓްތައް ވެސް ވިއްކަން ފަށާނަން،"

ފިލްމުގެ ޓްރެއިލާ --

އަންނަ މަަހު އަޅުވާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ. "ލީނާ" ގެ ރޯލު ކުޅެފައިވަނީ މަރިޔަމް އައްޒަ އެވެ. އަދި އައްޒަ އާއެކު ލީޑް ތަރިންގެ ތެރޭ މި ފިލްމުގެ ޑައިރެކްޓަރު މުއާވެސް ފެންނާނެ އެވެ. އަދި، އަލީ އާޒިމް (ދޮން އައްޔަ) އާއި، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހްމަދު އީސާ (އާނަންދު)، އަހްމަދު ނިމާލް ވެސް ފެންނާނެ އެވެ.

ރާއްޖޭގައި ހިނގި މަރުުގެ ހާދިސާއިން އިންޕަޔާވެގެން ހެދި މި ފިލްމަކީ މުއާގެ ފުރަތަމަ ފީޗާ ފިލްމު ކަމުގައި ވިޔަސް މި ފިލްމަށް ކުރާ އުއްމީދު ބޮޑު ކަމަށް ޑައިރެކްޓަރު ބުންޏެވެ. އަދި މި ފިލްމަކީ މޮޅު ފިލްމަކަށްވެފައި ބެލުންތެރިންގެ މެދުގައި ބަލައިގަންނާނެ ފިލްމަކަށް ވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް ބުންޏެވެ.

މި ފިލްމު އަންނަ މަހު 23 ގައި އަޅުވަން ނިންމާފައިވާއިރު، އަންނަ މަހު އެކެއްގައި އޮލިމްޕަހަށް ގެންނަނީ ޑާކްރެއިންގެ ކޮމެޑީ ފިލްމު "މާމުއި" އެވެ.