ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓު ބޮޑު ކުރުމަށް ޕެންޝަނާބެހޭ ގާނޫނަށް އިސްލާހެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނު ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ތެރޭގައި ވަނީ އެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ. އޭރު ޕެންޝަން ފަންޑުން ދޫކުރާނީ އެ އަހަރަކު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސަންޓެވެ.
ނަމަވެސް ސަރުކާރު ފަރާތުން ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބިލުގައި ވަނީ އެ ގާނޫނުގެ 38 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅައިފަ އެވެ. އެގޮތުން ހައްޖުވުމަށް ފައިސާ ދޫކުރެވޭ މިންވަރުގެ 80 ޕަސަންޓަށް އިތުރު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.
ބިލު ހުށަހެޅުމުގެ ބޭނުމެއް ގޮތުގައި ބުނެފައި ވަނީ ރިޓަޔަމަންޓް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭ ގޮތަށް ހަމަޖައްސާފައިވާ އިރު އެ މިންވަރު މިހާރަށް ވުރެ އިތުރުކޮށް، ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އިއްވައިފަ އެވެ.