ވިޔަފާރި

އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ގާނޫނު ބަދަލު ކުރަނީ

ކުރުނބާ މޯލްޑިވްސްއިން: މުހައްމަދު އަފްރާހު
Jun 17, 2019

ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ބޭރުގެ އިންވެސްޓަރުންނަށް ފަހިވާ ގޮތަށް، އިންވެސްޓްމަންޓް ގާނޫނު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "ޕާޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށާ، ސަރުކާރުން ބޭނުން ވަނީ މިހާރު ހިންގާ މަޝްރޫއުތައް "ޖަޒީރާ ރާއްޖޭ" ގެ ސިފަތައް ނުގެއްލޭނެ ގޮތަކަށް ކުރިއަށް ގެންދަން ކަމަށެވެ. އަދި ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ގައުމަކަށް ހެދުމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"ރާއްޖެއަކީ އިންވެސްޓަރުންގެ އިތުބާރު އޮތް ގައުމަކަށް ހެދުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތައް ބަދަލު ކުރަން މިދަނީ މަސައްކަތް ކުރަމުން. ފޮރިން އިންވެސްޓަރުންނަށް މިހާރު ހުރި ދަތިތައް ނައްތާލަން މަސައްކަތް ކުރާނަން. އިންވެސްޓަރުންނާ ރަހުމަތްތެރި ބަދަލު ތަކެއް ގާނޫނުތަކަށް ގެންދާނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ބޮޑު ކުރުމުގެ ގޮތުން ރާއްޖޭގައި އާބިޓިރޭޝަން ސެންޓަރެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"ތަރައްގީ ގެންނެވޭނީ ޕްރައިވެޓް ސެކްޓަރާ ގުޅިގެން. ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު ކުރިއަށް ދިއުމަށް އެންމެ ރަނގަޅު މޮޑެލްއެއް ހޯދާނެ،" އަމީރު ވިދާޅުވި އެވެ.

ޕާޓްނާޝިޕް ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. އަދި މިއީ ރާއްޖޭގައި ބޭއްވި ޕާޓްނާޝިޕް ފޯރަމް ތަކުގެ ތެރެއިން ބޭރުގެ ބައިވެރިވުން އެންމެ ގިނަ އަދި ތާރީހީ ފޯރަމަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.