މޯލްޑިވްސް ޕޮލިސް ސާވިސް

ހަނގުރާމައަށްދާ މީހުން ރިހެބިލިޓޭޓް ކުރަން މަސައްކަތް ކުރަން

ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިން ރާއްޖެ ގެނެސް ރިހިބިލިޓޭޓް ކުރުމަށްފަހު މުޖްތަމައަށް އަލުން ނެރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރަމުން އަންނަ ކަމަަށް ޕޮލިސް ކޮމިޝްނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އޭޝިއާ ކައުންޓާ ޓެރަރިޒަމް ކައުންޓާ ފޯރަމް ނިންމާލުމަށްފަހު މީޑިއާއާ ބައްދަލު ކުރައްވާ ހަމީދް ވިދާޅުވީ، ދިވެހިން ހަނގުރާމަތަކުގައި ބައިވެރިވާން ދިޔުމަކީ ކަންބޮނޑުވުން އޮތް ކަމެއް ކަމަށެވެ. އެފަދަ މީހުން ރާއްޖެ ގެނެސް އެމީހުނާއި މެދު އަމަލުކުރާނެ ގޮތަށް ހޯދަން ކަމާބެހޭ އެހެން މުއައްސަސާތަކާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

ދިވެހި ހަނގުރާމަވެރިން ރާއްޖެ ގެނެސް ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ކޮމިޝަނާ ވިދާޅުވިއިރު، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައި ވަނީ ސީރިއާ ފަދަ ގައުމުތަކަށް ދިއުމަށްފަހު ދިވެހިންނަށް ލިބިފައިވާ ކުދިންނަކީ ސަރުކާރަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. ހަނގުރާމައިގެ ތެރެއަށް ވިހައި، މައުސޫމް ކުދިންތަކެއްގެ ރައްޔިތުކަން ކަށަވަރު ކުރުމަކީ ވެސް އުނދަގޫ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހަނގުރާމަވެރިން ރާއްޖެ އަނބުރާ ގެނައުމަށް ދެކޮޅު ހަދައިފަ އެވެ. ނަޝީދު ވިދާޅުވެފަވަނީ، ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން އަނބުރާ ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެމީހުން އަނބުރާ މުޖުތަމައުއަށް ގެނައުމުން ނޭދެވޭ އަސަރެއް ނުކުރާނެ މިންވަރަަށް ރީހެބިލިޓޭޓް ކުރެވޭނެ ގާބިލް ކަމެއް ނެތް ކަމަށެވެ.