ވިޔަފާރި

މޯލްޑިވިއަން އިން ބެންކޮކު ޓިކެޓް 4900 ރުފިޔާއަށް!

މޯލްޑިވިއަން އިން ބެންކޮކަށް 4،903 ރުފިޔާއަށް ދެކޮޅު ޓިކެޓް ހާއްސަ ފެއާއެއްގައި ވިއްކަން ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ ބެންކޮކަށް ތައާރަފުކޮށްފައިވާ މި ހާއްސަ ފެއާގައި، 318 ޑޮލަރު (ގާތްގަނޑަކަށް 4،903 ރުފިޔާ) އަށް ޓިކެޓު ނަގާ ފަރާތް ތަކުން ޖުލައި މަހުގެ 15 ގެ ކުރިން ދަތުރު ކުރަން ޖެހޭނެ ކަމަށެވެ. މި އަގުގައި ޓިކެޓު ނެގުމުން ދަތުރު ކުރާ މީހަކަށް 40 ކިލޯގެ ބެގޭޖު އެލަވަންސެއް ލިބޭނެ އެވެ.

ގައުމީ އެއާލައިން އިން ދަނީ އެކި މުނާސަބަތުތަކާ ދިމާކޮށް ހާއްސަ އަގު ތަކެއްގައި ޓިކެޓު ވިއްކަ އެވެ. ނިމިދިޔަ ކުޑަ އީދާ ދިމާކޮށް އިންޑިއާގެ ޗެންނާއީ އަށް ވެސް ހާއްސަ ޕެކޭޖެއް ތައާރަފު ކުރި އެވެ. މި ޕެކޭޖުގައި ދެ މީހަކަށް ތިން ދުވަހު ހުރުން ހިމެނެ އެވެ. މި ޕެކޭޖުގެ އަގަކީ 675 ޑޮލަރު (ގާތްގަނޑަކަށް 10،408ރ.) އެވެ.

ގައުމީ އެއާލައިންއަކީ އިންޑިއާގެ ބައެއް ސިޓީތަކުގެ އިތުރުން، ބަންގްލަދޭޝް އާއި ބެންކޮން އަށް ވެސް ދަތުރު ކުރާ އެއާލައިން އެކެވެ. އަދި މޯލްޑިވިއަން އަކީ ރާއްޖޭގެ ހުރިހާ މަންޒިލަކަށް އުދުހޭ ހަމައެކަނި އެއާލައިން އެވެ.