ދުނިޔެ

އިރާނާއި އިދިކޮޅު ވީޑިއޯއަށް އެމެރިކާގެ އެކުވެރިން ފާޑުކިޔައިފި

އޮމާން ކަނޑުގައި އޮތް ދެ ތެޔޮ ޓޭންކަރަށް ހަމަލާ ދީފައި ވަނީ އިރާނުން ކަމަށް ބުނެ ހެކީގެ ގޮތުގައި އެމެރިކާއިން ހުށަހަޅާފައިވާ ވީޑިއޯއަށް އެމެެރިކާގެ އެކުވެރިންނާއި ހުޅަނގުގެ އެނަލިސްޓުން ވެސް ފާޑު ކިޔައިފި އެވެ.

އިރާނުގެ ކަނޑުމަތީ ބޯޓެއްގައި ތިބި އިރާނު ބަޔަކު ޖަޕާނުގެ "ކޮކޫރާ ކަރޭޖަސް" ތެޔޮ ޓޭންކަރުގައި ހަރުކޮށްފައި އިން ނުގޮވާ މައިނެއް ނަގާތަން ކަމަށް ބުނާ ވީޑިއޯއެއް އެމެރިކާގެ ސެންޓްރަލް ކޮމާންޑް ނުވަތަ ސެންޓްކޮމް އިން އާންމު ކުރިތާ އެއް ދުވަސް ނުވަނީސް އެ ވީޑިއޯއަށް ގިނަ ފަރާތްތަކެއްގެ ފާޑުކިއުން އަމާޒުވެފަ އެވެ.

ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފައި ވަނީ އިރާނުން ކަމަށް އެމެރިކާއިން ބުނާ ބުނުން މިހާތަނަށް ގަބޫލު ކޮށްފައި ވަނީ ހަމައެކަނި އިނގިރޭސި ވިލާތުން ކަމަށްވާއިރު ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތަކުން "ޝައްކުން ފުރިފައިވާ" އެ ހަމަލާތައް ދިނުމުގެ ފުރަގަހުގައި އިރާނުގެ އަތެއް ވާކަމަށް ގަބޫލް ނުކުރެވޭނެ ކަމަށް ބުނެ އެވެ.

އެފާރާތްތަކުން އެމެރިކާއިން ބުނާ ވާހަކަ ގަބޫލު ކުރަން ބޭނުން ނުވާ ހިނދު ހަނގުރާމަ ކުރަން އުޒުރެއް ދައްކަން ބޭނުން ނުވާކަމަށް ވެސް ބުނެ އެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓަރު ހައިކޯ މާސް ވިދާޅުވާާ ގޮތުގައި އެމެރިކާގެ ކުލަ ނޫން ވީޑިއޯއަކީ އިރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިންކަން ބަލައިގަނެވޭނެ ހެއްކެއްގެ ގޮތުގައި ފުދޭނެ އެއްޗެއް ނޫނެވެ. އަދި ވީޑިއޯގައި ދައްކުވައިދެނީ ކޯޗެއްކަން އެނގުނު ނަމަވެސް ހަމަ އެކަނި އޭގެން ގޮތެއް ނިންމުން އެއީ އެފަރާތުން ކުރާނެ ކަމެއް ނޫންކަމަށް ވެސް މާސް ވިދާޅުވި އެވެ.

ޔޫރަޕިއަން ފޮރިން ޕޮލިސީގެ ޗީފް ފެޑެރިކާ މޮގެރިނީގެ ސީނިއާ އެޑްވައިޒަރު ނަތަލީ ޓޯއްޗީ ވެސް އެމެރިކާގެ ތުހުމަތުތައް ބޭކާރު ކޮށްލާފައި ވާއިރު އެއްވެސް ފަރާތެއްގެ ބޮލުގައި އިލްޒާމެއް އެޅުވުމުގެ ކުރިން ގަބޫލު ކުރެވޭ ފެންވަރުގެ ހެކި އޮންނަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

އިރާނު މީހުންނަކީ ވިސްނުން ރަނގަޅު ބަޔަކަށް ވާއިރު ޖަޕާާނުގެ ބޮޑުވަޒީރު އިރާނުގެ ވެރި ރަށުގައި ހުންނަވަނިކޮށް ޖަަޕާނުގެ ތެޔޮ ޓޭންކަރަކަށް އިރާނުން ހަމަލާދީފާނެކަން ގަބޫލުކުރަން އެއްވެސް ބަޔަކަށް ފަސޭހެވެގެން ނުވާނެކަމަށް ވެސް ޓޯއްޗީ ވިދާޅުވެފައި ވެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ކަނޑުމަތީ ބޯޓެއް ޓޭންކަރު ކައިރީގައި ލަފާފައި އޮވެއެވެ. އެ ބޯޓުގައި ހުންނަ މީހަކު ކޮޅަށް ތެދުވެ ޓޭންކަރުގެ ކުރީކޮޅުގައި ހަރުކޮށްފައި އިންނަ އެއްޗެއް ނައްޓާލަ އެވެ. އެމެރިކާގެ ސެންޓްކޮމް އިން ބުނާގޮތުގައި އެ އެއްޗަކީ ނުގޮވާ އިން ލިމްޕެޓް މައިން އެކެވެ. އަދި އޭތި ނަގަން މަސައްކަތް ކޮށްފައިވަނީ އިރާނުގެ ގަޝްތީ ޕެޓްރޯލް ބޯޓަކުން ނެވެ.

އެމެރިކާގެ ބުނުން އެންމެ ބޮޑަށް ބަލިކަށިވެފައި ވަނީ ޖަޕާނު ޓޭންކަރު އޮޕަރޭޓް ކުރަން ތިބި ފަރާތްތަކުން ހަމަލާ ދިނުމުގެ ކުޑަ ހިނދުކޮޅެއް ކުރިން ކޮންމެސް އުދުހޭ އެއްޗެއް ފެނިފައިވާކަން ރިޕޯޓުކުރުމާއި ގުޅިގެން ނެވެ.

"ޓޭންކަރާއި ދިމާލަށް ކޮންމެސް އެއްޗެއް އުދުހިފައި އައިތަން ޓޭންކަރުގެ ފަޅުވެރިންނަށް ފެނުނު. ދެން ފެނުނީ ޓޭންކަރުގަ ލޯވަޅެއް އެޅިފަ ހުރިތަން. އެއަށްފަހު ދެވަނަ ހަމަލާވެސް އެމީހުންނަށް ފެނުނު" ކޮކުޔާ ސަންގްޔޯ ކުންފުނީގެ ރައީސް ޔުޓާކާ ކަޓާޑާ ދެއްވި ނޫސް ވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވި އެވެ.

ހުޅަނގުގެ ނޫސްވެރިންނާއި ސަލާމަތީ ކަންކަމުގެ މާހިރުން ވެސް އެ ވީޑިއޯއަށް ފާޑުކިޔާފައި ވާއިރު ބައެއް ފަރާތްތަކުން އެ ވީޑިއޯ އެޑިޓުކޮށްފައި ވާކަމަށް ވެސް ތުހުމަތު ކުރެއެވެ.

އަދި ތަހުގީގީ ނޫސްވެރިކަމުގެ ވެބްސައިޓް ބެލިންގްކެޓްގެ ރިޕޯޓެއްގައި ވާގޮތުން ޓޭންކަރުގެ އަރިމަތިން ނަގާފައިވަނީ ނުގޮވާ އިން މައިނެއްކަން ޔަގީން ކުރެވޭނެ އެއްވެސް ހެއްކެއް ނެތެވެ. އަދި އޭތި ހަރުކުރީ ކޮން ބައެއްކަން އެނގޭނެ ގޮތެއް ވެސް ނެތެވެ. ކަން އެހެން އޮތް އިރު އެއީ އިރާނުން ކޮށްފައިވާ ކަމެކޭ ބުނުމަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫނެވެ.

އެމެރިކާއިން ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން އިރާނުން އެ ތުހުމަތުތައް ދޮގު ކުރަމުން ދާއިރު 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމަށް އެމެރިކާއިން ބޭނުން ކޮށްފައިވާ އުކުޅުތައް ބޭނުންކުރަމުން ދާކަމަށް ތުހުމަތު ކުރެއެވެ.