ހަބަރު

މަޖިލީހުން ނޫނީ ޖޭއެސްސީ ޖަވާބުދާރީކުރުން ހުއްދައެއް ނޫން: ރައީސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެހެން ބާރަކަށް އެކަން ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއީ ޖޭއެސްސީ އާއި ސުޕްރީމް ކޯޓު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ރައީސް އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ޖުޑިޝަރީ ތެރޭގައި މައްސަލަ ހޫނުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް ކުރެވޭ ރިޝްވަތުގެ ތުހުމަތެއްގައި އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމި ހިސާބުންނެވެ.

މިއަދު ރައީސް ސޯލިހު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރު އަޅައި، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސްގެ ޒިންމާއެއް ކަމަށެވެ.

"ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ މި ދައުލަތުގެ އެންމެ އަސާސީ ސިފަ، އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ގާނޫނު އަސާސީއިން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށް، މީގެ އިތުރުން ގާނޫނު އަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ތަންތަން، އެ ބާރުތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ގާނޫނު އަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަގިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީންން،" ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ.

ބަޔާނުގައި ރައީސް ވިދާޅުވީ ޖޭއެސްސީއަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނު އަސާއީއިން އެކަށައަޅާފައިވާ މުއައްސަސާކަމަށްވާއިރު އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭ ގޮތް ވެސް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފަ ކަމަށެވެ. އެއީ ޖޭއެސްސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުމެވެ. އެއީ ގާނޫނު އަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ގާނޫނު އަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"... އެހެންކަމުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުއައްސަސާތަކުން ގާނޫނު އަސާސީއަށާއި، ގާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް އިލްތިމާސް ކުރަން،" ރައީސްގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ރައީސް ވިދާޅުވީ އަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވައުދުކަމުގައި ވާއިރު، އެ ވައުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށެވެ.

ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.

އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް އެއީ ސައްހަ ނިންމުމެއް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.

އެ ނިންމުމަށް ރައްދު ދެއްވައި، މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.

އަމަލު ކުރައްވާނީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ކަމަށް ވިދާޅުވި މިހާރު ވެސް ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވަ އެވެ.