ލަސްްވެގެން އަވަސް ކޮށްލަން އުޅޭ ފަަހަަރުތަކުގައި ދޫ ފިހޭ ހެއްޔެވެ؟ އަވަސް އަވަހަށް ހޫނު ސަައިތައްޓެއް ނުވަތަ ކޮފީތަައްޓެއް ބޯލަންވެގެން އުޅެންޔާ ގިނަފަހަރަށް ލިބޭނީ ލަނޑެކެވެ. ލަސްވެގެން އުޅުމުގެ އިތުރަށް ލަސްވެ ސައިތަށީގެ މީރުކަންވެސްް ދިއައީ އެވެ. އަދި ގިނަފަހަރަށް ދުވަހުގެ ބޮޑުބައިގައި ހުންނާނީ ކާ ހިތް ނުވެ ދުލަށް އުނދަގޫވެފަ އެވެ.
ދޫ ފިހުމުގައިވެސް ތަފާތު ދެ ވައްތަރެއް ވެ އެވެ. ހޫނު އެއްޗެއް ބޮއެގެން ފިހޭ ފިހުމާއި "ކެމިކަލް ބާން" އެކެވެ. ކެމިކަލް ބާން އަކީ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއް ނުވަތަ ކެމިކަލެއް ބޭނުން ކުރެވުމުން ދޫ ފިހުމެވެ. މިއީ ތަފާތު ދެ ވައްތަރު ކަމުގައި ވެފަައި ހައްލު ކުރަންވެސް އޮންނަނީ ތަފާތު ގޮތްތަަކެކެވެ.
ހޫނު އެއްޗެއް ބޮވިގެން މި ކަހަލަ ކުއްލިއަކަށް "ދޫ ފިހޭ" ހާލަތްތަކުގައި ފަސޭހައިން ރަނގަޅުކޮށްލެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.
މާމުއި
މާމުއި އަކީ އޭގެ ގުދުރަތީ މާއްދާތަކުގައި އެންޓިބެކްޓީރަލް އަދި އެންޓި އިންފްލެމޭޓަރީގެ މުހިއްމު ދެ މާއްދާ ހިމެނޭ އެއްޗެކެވެ. މާމުއި ސަމްސަލެއް ނަގާ އަނގައަަށް ލުމަށްފަހު އެއްކޮށް ދިރުވާ ނުލާ އިރުކޮޅެއް ވަންދެން ހުންނާށެވެ. ދެތިން ފަަހަރު މިހެން ހެދުމުން ދުލަށް ފަސޭހަ ވާނެ އެވެ. މިއީ ދޫ ފިހޭ ނަމަ އިންސްޓަންޓް ރިލީފެކެވެ.
އައިސްކްރީމްް ނުވަތަ ގަނޑުފެން
ފިނި އެއްޗެއް ވަގުތުން ދުލުގައި އުނގުޅުމުން ނުވަތަ އައިސްކްރީމް ކަހަލަ އެއްޗެއް ކާލުމުން ވަގުތުން އިންފްލެމޭޝަން ކުޑަވާނެ އެވެ. އައިސްކްރީމްގެ ފިނިން ފިހުނު ދުލަށް ފަސޭހަކަން ގެނެސްދީ ދުލުގެ ޓިޝޫ އިތުރަށް ހަލާކުވުމުގެ މަގު ކުޑަކޮށްދެ އެވެ. އަދި އިތުރު ހައިޑްރޭޝަން އަކަށްވެސް އައިސްކްރީމް ވާނެ އެވެ.
ޔޯގަޓް
ޔޯގަޓް އަކީ ދޫ ފިހޭ ނަމަ އެންމެ ފަސޭހައިން ރަނގަޅުކޮށްލެވޭނެ ގޮތް ކަމަށް އެކި މީހުން ބުނެ އެވެ. ޔޯގަޓުގައި ހިމެނޭ ކޫލިންގް އަަދި ސޫތިންގް އިިފެކްޓަކީ މިކަމުގެ ފަސޭހަ އެވެ. ޔޯގަޓު ސަމްސަަލެއް ނެގުމަށްފަަހު ދުލުގެ ފިހުނު ބައިގައި އިރުކޮޅެއް ވަންދެން ބާއްވާށެވެ. ޔޯގަޓުކޮޅު ކާހިތްވިޔަސް އެއްކޮށް ދިރުވާލާނީ އޭގެ މާއްްދާތައް ދުލުގައި ޖެހި އަސަރު ކުރާނެހާ އިރުކޮޅެއް ދިނުމަށްފަހު އެވެ.
ހަކުރު
ހަކުރަކީވެސް މި ލިސްޓުގައި ހިމެނޭ މުހިއްމު އެއްޗެކެވެ. ދޫފިހިގެން އުޅޭ ވަގުތު ހަކުރު ސަމްސަލެއް ދުލަށް ބުރުވާލުމަށްފަަހު އެ ހަކުރުތައް އަމިއްްލަ އަށް ވިރެންދެން މަޑު ކުރާށެވެ. އިރުކޮޅެއްތެރޭ ދޫ ފިިގެން ވީ އުނދަގޫ ފަސޭހަކޮށްދޭނެ އެވެ. އަދި މީގެ އިތުރުން، ދޫ ފިހުމުގެ ސަބަބުން ދުލުގެ "ސެންސް އޮފް ޓޭސްޓް" ވެސް ރަނގަޅު ވާނެ އެވެ.
މި ކަހަަލަ ފަސޭހަތައް ހުރި އިރު، ދޫ ފިހޭ ވަގުތުތަކުގައިި ސަމާލުވާންޖެހޭ ކަންކަންވެސް ހުރެ އެވެ. އެންމެ ފުރަތަމަކަމަކަށް އަވަސް އަވަހަށް "ދޫ ފިހޭހާ" ހޫނު އެއްޗެހި ބުއިމާ ދުރުވާންވީ އެވެ. އަދި ފިހިއްޖެ ކަމުގައި ވާނަމަ "އެސިޑިކް ނުވަތަ ސިޓްރަސް" ފުޑްސް އެ ވަގުތު ނުކެވޭތޯ ބަލަންޖެހެ އެވެ. ހަމައެއާއެކު އެ ވަގުތު ކުޅި އެއްޗެއް ކައިފި ކަމުގައިވާނަމަ ދުލަށް އިތުރަށް އުނދަގޫތަކެއް ކުރިމަތިވުންވެސް އެކަށީގެންވެ އެވެ.