ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުންނެވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފި އެވެ.
ލުތުފީގެ މައްސަލާގައި ދައުލަތާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އޭނާ މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ލުތުފީ ސްރީލަންކާއަށް ފޮނުވައިލި ގޮތަށް އޭނާ އަނބުރާ ގެނެސްފައި ނުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާ ގެނެއުމުގެ މަސައްކަތް ކުރޭތޯ ސުވާލު ކުރުމަށެވެ. އަދި ލުތުފީ މިހާރު ހުރި ގައުމަކާ ގުޅޭ ގޮތުން ސަރުކަރަށް މައުލޫމާތު ލިބިފައިވޭތޯ ސުވާލު ކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ ވަނީ އޭނާ މެރުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އޭނާ އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.