ހަބަރު

އޯޝަން އިނިޝިއޭޓީވް ބައްދަލުވުން ފަށައިފި

"ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓިވް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

މާދަމާގެ ނިޔަލަށް ކ. ދިއްފުށީގައި ކުރިއަށްގެންދާ މި ބައްދަލުވުމަކީ "ސަސްޓެއިނެބަލަ އޯޝަން އިނިޝިއޭޓިވް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" ގެ ދަށުން ހިންގާ މަސައްކަތު ބައްދަލުވުމެކެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ސެކްރެޓޭރިއަޓް އޮފް ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ އާއި ގްލޯބަލް އޯޝަން ބަޔޯޑައިވާސިޓީ އިނިޝިއޭޓިވް (ގޯބީ) ގުޅިގެން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން 33 ބޭފުޅުން ބައިވެރިވެ އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަސަގުދުތަކުގެ ތެރޭގައި ހިމެނެނީ ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން ކަމާގުޅޭ ހުރިހާ ދާއިރާއެއްގެ ބޭފުޅުން އެއްތަނަކުން ބައްދަލުކޮށް ހިޔާލުތައް ހޯދައި މަޝްވަރާކުރުމާއި ގައުމީ ފެންވަރުގައި ކޯސްޓަލް އަދި މެރިން އޭރިއާތަކާއި ގުޅޭގޮތުން ގުޅޭގޮތުން މަޝްވަރާކުރުމެވެ.

އަދި، އޯޝަން މެނޭޖްމަންޓް އާއި ގުޅޭ ގައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށް އެންވާރަމަންޓުން ބުނެ އެވެ.