މުދާ އުފުލާ ބޯޓު ތަކުން ބޭރުކުރާ ތަޣައްޔަރު ފެން ނުވަތަ، ބެލެސްޓް ވޯޓާއާ ދެކޮޅަށް މަސައްކަތްތަކެއް ކުރަން، ރާއްޖެ އާއި އިންޓަނޭޝަލް މެރިޓައިމް އޯގަނިޒޭޝަނުން މަސައްކަތް ފަށައިފި އެވެ.
މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ، މޯލްޑިވްސް ޕޯޓުސް ލިމިޓެޑް (އެމްޕީއެލް) ގައި މިއަދު ފެށި ބެލެސްޓް ވޯޓާ ކޮންވެންޝަން ވޯކްޝޮޕްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް އާދިލް ވިދާޅުވީ، ރާއްޖޭގެ މައި އިގްތިސޯދަކީ ޓޫރިޒަމް ކަމަށްވާއިރު ތަޣައްޔަރު ފެން، ނުވަތަ މުދާ އުފުލާ ބޯޓު ހުހަށް ދާއިރު ބަރުކުރާ ލޮނު ފެނަކީ ރާއްޖޭގެ ކަނޑުތަކަށް ނުރައްކަލެއް ކަމަށެވެ.
ވޯކްޝޮޕް ނިންމާލުމަށްފަހު ޓްރާންސްޕޯޓްގެ ޑެޕިއުޓީ ޑިރެކްޓާ އަބްދުﷲ ނާޝިދު ވިދާޅުވީ، މީގެ ކުރިން މުދާ އުފުލާ ބޯޓުތައް ބަރު ނުކޮށް ދާއިރުގަ އާއި އަންނަ އިރު ބެލެސްޓް ވޯޓާ ރާއްޖޭގެ ކަނޑަށް ހުސްކޮށްލާފައިދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ކަނޑުތަކުގައި ހުންނަ ދިރުންތައް ތަފާތުވުމުން ރާއްޖޭގެ ވެއްޓަށް ބީރައްޓެހި ފަނިފަކުސާ އެއް ބެލެސްޓް ވޯޓާ އާއިއެކު ބޭރުވެއްޖެނަމަ އެކަމުގެ ނުރައްކާ ރާއްޖޭގެ ކަނޑްތަކުގެ ދިރުންތަކަށް އޮންނާނެ ކަމަށެވެ.
"އެއް ސަރަހައްދުން ބަރު ކުރެވޭ ބެލެސްޓް އަނެއް ސަރަހައްދަށް ހުސްކޮށްލާއިރު ލޮނުގައި ހުންނަ ފަނިފަކުސާ އެކި ސަރަހައްދުގެ ތަފާތުވާނެ ރާއްޖެއަށް ޑިސްޗާޖް ކޮށްފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ގެއްލުންވާނެ އޭގެ ތެރޭގައި ބާރުގަދަ ފަނިފަކުސާ އެއް ވާނަމަ،" ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދުގެ ވޯކްޝޮޕަށްފަހު ރާއްޖެ ދަތުރުކުރާ ބޯޓުތަކުން ބެލެސްޓް ވޯޓާ ބޭރުން ކުރަން ޖެހެނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ބޭރުން 200 މޭލާ ހަމައަށް ކަމަށެވެ. އަދި ހުސްކުރާއިރު ހުސްކުރަން ޖެހޭނީ ވެސް ފުން މިނުގައި 200 މީޓަރު ހުންނަ ސަރަހައްދުތަކަށް ކަމަށެވެ.