ވިޔަފާރި

ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކުރި އަދަދު މަތިކޮށްފި

މި އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ކުރިން އަންދާޒާ ކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރުގެ އަންދާޒާއިން ދައްކާ ގޮތުގައި 1.6 މިލިއަން ޓޫރިސްޓުން މި އަހަރު ރާއްޖެ އަންނާނެ އެވެ. އަދި މި އަހަރަކީ ޓޫރިޒަމަށް ރަނގަޅު އަހަރަކަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވަނީ މި އަހަރު އަންނާނީ 1.5 މިލިއަން ޓޫރިސްޓުން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސެކްޓާ ކުރިއަރައިގެން ދަނީ އަމިއްލަ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށާ، ރާއްޖެ ޓޫރިޒަމްގައި އިންވެސްޓް ކުރެވޭނެ ގިނަ ދާއިރާ ތަކެއް އެބަހުރި ކަމަށެވެ. ހާއްސަކޮށް ރާއްޖެ ހަ ސަރަހައްދަކަށް ބަހާލައި މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާއިރު، އިތުރު 35،000 ޓޫރިސްޓު އެނދު ނެރުމަކީ ސަރުކާރުން ވައުދެއް ކަމަށް އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 646,092 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 539,816 މީހުންނާ އަޅާބަލާއިރު 19.7 ޕަސެންޓް އިތުރުވުމެކެވެ.