އިންޑޮނޭޝިއާގައި ޒުވާނުން ދުންފަތާ ދުރު ކުރަން އޮންލައިންކޮށް ސިނގިރޭޓް އިސްތިހާރު ކުރުން މަނާ ކުރުމުން ސައުތު އީސްޓް އޭޝިއާ ޓޮބޭކޯ ކޮންޓްރޯލް އެލަޔަންސް (އެސްއީއޭޓީސީއޭ) އިން އެކަމަށް ތައުރީފުކޮށް އެހެން ގައުމުތަކުން ވެސް އެ ކަމުގައި ބައިވެރިވާން ގޮވާލައިފި އެވެ.
ދުނިޔޭގެ ހުރިހާ ގައުމަކުން އަދި ހާއްސަކޮށް އޭޝިއާގެ ގައުމުތަކުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ޕްރޮމޯޓް ކުރަން ބޭނުން ކުރާ އުކުޅުތައް މަނާ ކުރުމާއި ޒުވާން ޖީލު ދުންފަތުގެ ނުރައްކާތެރި ކަމުން ސަލާމަތް ކުރުން މުހިންމު ކަމަށް ޓޮބޭކޯ ކޮންޓްރޯލް އެލަޔަންސްގެ އެގްޒެކަޓިވް ޑިރެކްޓަރު ޔުލައިސިސް ޑޮރޯތިއާ އާއި ހަވާލާދީ އިންޑޮނޭޝިއާގެ ޖަކާޓާ ޕޯސްޓްގައި ރިޕޯޓްކޮށްފައި ވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް މުޅި ދުނިޔޭގައި އަށް މިލިއަން މީހުން މަރުވާ އިރު ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވަނީ ކޮންމެވެސް ސިފައެއްގައި ދުންފަތް ބޭނުން ކުރުމުންނެވެ.
އިންޑޮނީޝިއާގައި ގާތްގަނޑަކަށް 66 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލް ކުރާއިރު އޭގެ ތެރެއިން 67 ޕަސެންޓަކީ ފިރިހެނުންނެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެ ގައުމުގައި އަހަރެއްގެ މައްޗަށް 230،000 މީހުން މަރުވެ އެވެ. އެ އަދަދަކީ ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން އޭޝިއާ ސަރަހައްދުގައި މަރުވާ މީހުންގެ ދެބައިކުޅަ އެއް ބައެވެ.
އިންޑޮނީޝިއާގެ ހެލްތު މިނިސްޓަރު ނީލާ މޮއިލީކް ވިދާޅުވި ގޮތުގައި އެ ގައުމުގައި 10 އަހަރާއި 18 އަހަރާއި ދެމެދު އުމުރުފުރައިގެ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރާ އަދަދު 2018 ގައި ވަނީ ދެ ޕަސެންޓް މައްޗަށް ޖެހިފަ އެވެ.
އޮންލައިންކޮށް ދުންފަތް އިސްތިހާރުކުރުން މަނާކުރުމުން 10 އަހަރާއި 18 އަހަރާާއި ދެމެދުގެ ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ އަދަދު ދަށް ވާނެ ކަމަށް އިންޑޮނޭޝިއާ ސަރުކާރުން އުންމީދު ކުރެ އެވެ.