އެއް އަހަރުވުމުން ކުދިން ޕްރީ ސްކޫލުތަކުގެ ޕްރޮގްރާމުތަކުގައި ބައިވެރި ކުރުވާ ގޮތަށް ޕްރީ ސްކޫލު ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުން ބަލައި ނުގަތުމަށް ފާސްކޮށް ބޭރުކޮށްލައިފި އެވެ.
ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އެ އިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 62 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް މެންބަރަކު ވޯޓު ދެއްވި އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕްރީ ސްކޫލްގެ ތައުލީމު ދޭން އޮންނަނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް ބެލެނިވެރިން ބޭނުން ވާނަމަ ދެ އަހަރުން ފެށިގެން ވެސް ޕްރީ ސްކޫލްގެ ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވޭނެ އެވެ.
އެ ގާނޫނަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އިސްލާހަކީ އުމުރުން އެއް އަހަރުން ފެށިގެން ޕްރީސްކޫލް ތައުލީމުގައި ތުއްތު ކުދިން ބައިވެރި ކޮށްގެން ސްކޫލްތައް ހިންގަން ދައުލަތަށް ލާޒިމު ކުރުމެވެ.
އެކަމަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އެގޮތަށް ގާނޫނު ބަދަލު ކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އެއީ އެއްވެސް ދިރާސާއެއް ނުކޮށް ހުށަހެޅި އިސްލާހެއް ކަމަށް މެންބަރުން ފާހަގަ ކުރެއްވި އެވެ..