ހަބަރު

ކްރިމިނަލް ކޯޓުގެ ޣާޒީ ނަޖީބުގެ މައްސަލައެއް ޖޭއެސްސީއަށް

Jun 18, 2019
4

ކްރިމިނަލް ކޯޓުގެ ޣާޒީ ހަސަން ނަޖީބުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޖީބާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ގއ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި އަލީ ޝަމީމަށް ތާއީދު ހޯދުމަށް ނަޖީބު މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތަށް ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދިނުމަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލާގައި ވަނީ ބުނެފަ އެވެ.

ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނަވަނިކޮށް ކްރިމިނަލް ކޯޓުގެ ޣާޒީކަމަށް ނަޖީބު ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ޣާޒީ ނަޖީބުގެ މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ނަމަވެސް، އެއީ ކޮން މައްސަލަތަކެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، ފަނޑިޔާރަކު ނިންމާ ނިންމުމެއްގައި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން ގޯސް ކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔަރާމެދު ފިޔަވަޅު ނޭޅޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރެއް ނެރެފަ އެވެ.