އިމިގްރޭޝަނުން ދޭ ހިދުމަތްތައް އަވަސް ކޮށްދިނުމަށް އާންމުން އެދުނު ނަމަވެސް ގަވާއިދާ ހިލާފަށް ހިދުމަތް ދީގެން ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިރޭ ވިދާޅު ވެއްޖެ އެވެ.
އިމިގްރޭޝަންގެ މުވައްޒަފުންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށް ދަރުމަވަންތަ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އަންނަ އަހަރަކީ ރައްޔިތުންނަށް އަވަސް ކަމާއިއެކު ހިދުމަތް ދެވޭ އަހަރަކަށް ހަދަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރިމަތި މިލަނީ މުޅިން އާ އަހަރެއް. އަޅުގަނޑުމެން 2015 ވަނަ އަހަރު އެބަޖެހޭ އާ އަޒުމް ތަކެއް ކަނޑައަޅަން. އަޅުގަނޑު ބޭނުންވަނީ އިމިގްރޭޝަންއަކީ ރައްޔިތުންގެ އިތުބާރާއެކު އެންމެ ހިތް އެދޭ ގޮތަށް ހިންގާ ތަނަކަށް ވުން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ އަހަރަކާ ކުރިމަތިލާއިރު ކޮންމެ އާދީއްތަ ދުވަހަކީ ހުރިހާ މުވައްޒަފުން ޔުނީފޯމު އަޅާ ދުވަހަށް ހެދުން މުހިންމު ކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން ހަސަން އަލީ ވިދާޅުވީ އިމިގްރޭޝަންގެ މުވައްޒަފުންނަކީ ބުރަ މަސައްކަތްތަކެއް ކުރަމުންދާ މުވައްޒަފުންތަކެއް ކަމަށެވެ.
"މީގެ 10 ވަރަކަށް އަހަރަށް އަހަރާ އަޅާ ބަލާއިރު އެއާޕޯޓް ޕެސެންޖާ މޫވްމެންޓް މިހާރު މިލިއަނަކަށް ނާރާނެ. މި އަހަރު 2.6 މިލިއަން ފަސިންޖަރުން އެއާޕޯޓު ބޭނުން ކުރި. ނަމަވެސް މިއަދުވެސް ހިދުމަތް ދިނުމުގައި ތިބީ މަދު މުވައްޒަފުންތަކެއް،" ހަސަން ވިދާޅުވި އެވެ.
އިމިގްރޭޝަނުން މިރޭ ބޭއްވި ރަސްމިއްޔާތުގައި މި އަހަރު އެންމެ ރަނގަޅަށް ހިދުމަތް ކުރި މުވައްޒަފުންނަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެ އެވެ.