ވިޔަފާރި

70 މަޝްރޫއަށް 1.6 ބިލިއަން ޑޮލަރު ޔަގީން ކުރެވުނު: ޝާހިދު

ސަރުކާރުން ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި 70 މަޝްރޫއަށް 1.6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޔަގީން ކުރެވުނު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕާޓްނާޝިޕް ފޯރަމް ނިންމުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މި ފޯރަމް ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ.

"މިހާރު ސަރުކާރަށް ޔަގީން ކުރެވިއްޖެ މި 70 މަޝްރޫއު ތަންފީޒުކޮށް، ދިވެހި ރައްޔިތުންނަށް މީގައި ހުރި ފޮނި މީރުކަން ލިބޭނެކަމުގެ. ބައިނަލް އަގުވާމީ މުޖުތަމައު ވަނީ ބަަލައިގެންފައި. ދިވެހި ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ޖަޒީރާ ރާއްޖެ ގެނެސް ދިނުމަށް ދިވެހި ރައްޔިތުންނާ ގުޅާލައިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ލިބިއްޖެ،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުން މި ފޯރަމް އަށް ހުށަހެޅި ޕްރޮޕޯސަލްގައި ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދަން ހުށަހަޅާފައިވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މަޝްރޫއުތަކުގެ އަގު ފައިސާ އިން ބަލާނަމަ އަދަދަށް އަރާނެ ކަމަށެވެ.

"ހުށަހެޅިފައިވާ މަޝްރޫއުތަކަށް ފައިސާގެ ކަނޑައަޅަން މަސައްކަތް ކޮށްފިނަމަ ގާތްގަނޑަކަށް ތިހާކަންހާ ވަރު [1.6 ބިލިއަން ޑޮލަރު] ވަރު ވާނެ. އަޅުގަނޑުމެންނަށް މިއަދު މި ލިބުނު ޔަގީން ކަމަކީ ފަސް އަހަރު ތެރޭގައި މަޝްރޫއުތައް ހިންގޭނެކަން،" ޝާހިދު ވިދާޅުވި އެވެ.

ހުށަހެޅިފައިވާ މަޝްރޫއުތަކަށް ފައިސާގެ ކަނޑައަޅަން މަސައްކަތް ކޮށްފިނަމަ ގާތްގަނޑަކަށް ތިހާކަންހާ ވަރު [1.6 ބިލިއަން ޑޮލަރު] ވަރު ވާނެ. އަޅުގަނޑުމެންނަށް މިއަދު މި ލިބުނު ޔަގީން ކަމަކީ ފަސް އަހަރު ތެރޭގައި މަޝްރޫއުތައް ހިންގޭނެކަން
އަބްދުﷲ ޝާހިދު | ފޮރިން މިނިސްޓަރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ފޯރަމްގެ އިންވެސްޓަރުންގެ ސައިޑުން ސުވާލުތައް އައި ކަމަށެވެ. ނަމަވެސް ސަރުކާރުން ހުރިހާ ވާހަކައެއް ސާފުކޮށް ކިޔައިދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕާޓްނާޝިޕް ފޯރަމްގައި ބައިވެރިވި ގިނަ ފަރާތްތަކުން ފާހަގަ ކުރި ގިނަ ކަންތައްތަކެއް. އަޅުގަނޑުމެން އެބަ ގެންނަން ބަދަލުތަކެއް. އަޅުގަނޑުމެންގެ މުޅި ދައުލަތުގެ ފިސްކަލް އެފެއާޒް ހުންނާނެ ފެންނަން މުޅި ދައުލަތުގެ. ހަފުތާއަކު އެއްފަހަރު ނެރެން. ދަރަނި ހުރި އަދަދު ފެންނާނެ. އަޅުގަނޑުމެން ގަބޫލު ކުރަން މައްސަލަ ހުރިކަން. އަދި އެ މައްސަލަ ހައްލު ކުރަން މި މަސައްކަތް ކުރަނީ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުންތަކުން ދެއްކީ ވާހަކަތައް ކަމަށާއި، ނަމަވެސް މި ސަރުކާރުން ކުރެވޭނެ ކަންކަން ދައްކާނީ އަމަލުން ކަމަށެވެ.

"ރާއްޖޭގައި ކޮމްޕެނީ ލޯއަކީ 1970 ގެ ގާނޫނު ތަކެއް. އެހެންވެ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނާނަން. ކުރިން ފާހަގަ ކުރިން އާބިޓިރޭޝަން ހަދާ ވާހަކަވެސް. ނޭޝަނަލް ޑިވްލޮޕްމަންޓް ޕްލޭނެއް ވެސް ހަދަން އެބަ،" އަމީރު ވިދާޅުވި އެވެ.

ޕާޓްނާޝިޕް ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.