ހަބަރު

ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ އެޑްވައިޒަރާ ރައީސް ބައްދަލުކުރައްވައިފި

Jun 18, 2019
6

މިއަދު ނިމިގެންދިޔަ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" އަށް ރާއްޖެ ވަޑައިގެން ހުންނެވި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ އެޑްވައިޒަރު ކެންޓަރޯ ސޮނޮއުރާއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ސޮނޮއުރާ ބައިވެރިވެ ވަޑައިގެން ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައި ދޭދޭ ގުޅުން ގާއިމުކުރީއްސުރެ، ދެގައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އަދި ޖަޕާނު ސަރުކާރުން ރާއްޖޭގެ އިގުތިސޯދާއި އަދި އިޖްތިމާއީ ކުރިއެރުމަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވަމުން ދާދިފަހުން ޖަޕާނު ސަރުކާރުން ފައްސަތޭކަ މިލިޔަން ޖަޕަނީޒް ޔެންގެ ކަނޑުއުޅަނދުފަހަރު ހަދިޔާ ކުރިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ފަހުކޮޅު ރައީސް ސޯލިހު ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން، ޖަޕާނުގެ ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގަންނަވާކަން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ހާމަކުރައްވާފައި އެވެ.