ހަބަރު

ބިގަށް ފައިސާ ދޭން ލަފާ ދެއްވީ އުޝާމް: ރިފްއަތު

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ދައުލަތުން ފައިސާ ދެއްކުމަށް އެއްވެސް ފަރާތަކަށް މި ސަރުކާރުން ލަފާ އަރުވާފައި ނުވާ ކަމަށާއި ފައިސާ ދޫކޮށްފައި ވަނީ 2016 ވަނަ އަހަރުގައި ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމްގައި ހުންނެވި އަހުމަދު އުޝާމް ސޮއި ކުރައްވާފައިވާ ލަފާގެ މަތިން ކަމަށް ބަނޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

ރިއްފަތު މިހެން ވިދާޅުވީ ބިގްއަށް ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ މައްސަލައާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަށް މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވަމުންނެވެ. ޖާބިރުކޮށްފައި ވަނީ ބިގަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުން އިސްތިއުނާފް ކޮށްފައިވޭތޯ އާއި އެ ކުންފުންޏަށް ފައިސާ ދިނުމަށް އެއްވެސް ފަރާތަކަށް ލަފާ ދެއްވާފައިވޭތޯ ސާފުކޮށްދިނުމަށެވެ.

އެ ސުވާލަަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ ބިގް އިން ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުގައި އުފުލި ދައުވާއާ ބެހޭ ގޮތުން ކުރި ހުކުމަކީ ދައުލަތަށް ދައުވާ ލިބުނު މައްސަލައެއް ނޫން ކަމަށާއި އެހެންވެ އިސްތިއުނާފް ކުރަން ޖެހޭ މައްސަލައެއް ވެސް ނޫން ކަމަށެވެ. އަދި އެ މައްސަލާގަިއ ހިމެނޭ ފަރާތްތަކަކީ ކުންފުނިތަކެއް ކަމުގައިވާތީ އެ ކުންފުނިތައް ޝާރީއަތުގައި ތަމްސީލު ކުރަން ޖެހޭނީ އެޓާނީ ޖެނަރަލް އޮފީހެއް ނޫން ކަމަށް ރިއްފަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ ބިގް ކުންފުންޏަށް ފައިސާ ދެއްކުމަށް އޭނާ އެއްވެސް ފަރާތަކަށް ލަފާ އަރުވާފައި ނުވާ ކަމަށޭވެ. ނަމަވެސް އެ ފައިސާ ދައްކަން ޖެހޭ ގޮތާ މެދު އަމަލު ކުރަންވީ ގޮތުގެ ލަފައެއް 22 ސެޕްޓެމްބަރު 2016 ގައި އުޝާމް އަރުވާފައިވާ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

"އެ ލަފާގައި ބުނަނީ އެމްއެންބީސީގެ ހުރިހާ ހައްގުތަކާއި އިންތިޒާމްތައް އެމްބީސީއަށް ބަދަލުވެ އޭގެ ފަހުން އެމްބީސީގެ ހައްގުތަކާއި ޒިންމާތައް ޕީއެސްއެމްއަށް ބަދަލުވެފައިވާތީ އެމްއެންބީސީއިން ކުންފުންޏަށް ދައްކަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ފައިސާއަކީ ޕީއެސްއެމްއިން ދައްކަން ޖެހޭ ފައިސާ ކަމަށް. އެ ލަފާ އަރުވާފައި ވަނީ 22 ސެޕްޓެމްބަރު 2016 ގައި. އެ ބޯޑަށް ފޮނުވި ސިޓީގައި ސޮއި ކުރައްވާއި ވަނީ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް. އެހެންވެ އެ ކުންފުންޏަށް ފައިސާ ދޫކޮށްފައި ވަނީ އަހުމަދު އުޝާމްގެ ލަފާގެ މަތިން،" ރިއްފަތު ވިދާޅުވި އެވެ.

އިތުރު ސުވާލު ކުރުމަށް ފުރުސަތަށް ހުޅުވާލުމުން އުޝާމް ފުރުސަތެއް ނަންގަވައި ވަނީ އެކަމަށް ޖަވާބު ދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ. އުޝާމް ވިދާޅުވީ އޭނާ 10 އަހަރު އެޓާނީ ޖެނަރަލް އޮފީހުގައި މަސައްކަތް ކުރި އިރު އެތަށް 100 އޮޕީނިއަންއެއްގައި ސޮއި ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެފަދަ އެތަށް އޮޕީނިއަންއެއް މިހާރު ބަދަލުކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް އިތުރަށް ވާހަކަ ކުރިޔަށް ގެންދިޔުމަށް ފުރުސަތު ނުދެއްވާ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވަނީ ހުއްޓުވައިފަ އެވެ. އަދި ޖަވާބު ދާރީވުމަށް ފުރުސަތެއް ނުދެވޭނެ ކަމަށް ރިޔާސަަތުން އެނގި އެވެ.

ޖޫން 7، 2016 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދިނުމަށެވެ. އެ ހުކުމް ކުރީ އެމްއެންބީސީއާއެކު ހެދި ވެފައިވާ އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. ބާކީ ފައިސާއަކީ ޖޫރިމަނާއަށް އެރި އަދަދެވެ.