ވިޔަފާރި

ބީލަމުގެ މައްސަލަތައް ބަލަން ކޮމެޓީއެއް އެކުލަވާލައިފި

ބީލަން ތަކުގެ މައްސަލަތައް ބަލަން ހާއްސަ ކޮމެޓީއެއް އެކުލަވާލާއިފި އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވާ "ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމެޓީ" ގައި ހިމެނެނީ ޖުމްލަ ފަސް ބޭފުޅުންނެވެ. މި ކޮމެޓީ އެކުލެވިފައި ވަނީ ފިނޭންސް މިނިސްޓްރީގެ ތިން ބޭފުޅުންނާއި އެޓާނީ ޖެނެރަލް އޮފީހުގެ ދެ ބޭފުޅުންގެ މައްޗަށެވެ.

ބީލަމުގެ މައްސަލަތައް ބަލަން އުފެއްދި ރިވިއު ކޮމެޓީގެ މަސްހޫލިއްޔަތަކީ ބީލަމުގައި އިދާރީ ކަމެއް އަދި މައްސަލައެއް ދިމާވެއްޖެނަމަ ހުށަހެޅޭ ޝަކުވާ އެ ކޮމެޓީން ބަލައި ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިއްޖެ ހާލެއްގައި އެ މައްސަލައެއް އަލުން ބެލުމެވެ.

ފިނޭންސް މިނިސްޓަރު މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ކޮމެޓީގެ ސަބަބުން ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަން ތަކުގެ މަސައްކަތް ހަރުދަނާ ކުރެވި އިތުބާރު ލިބިގެން ދާނެ ކަމަށެވެ.

"ކޮމެޓީގެ މައިގަނޑު މަގުސަދަކީ ބީލަމުގެ މަސައްކަތުގެ މަރުހަލާތައް ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުން. އުންމީދު ކުރަނީ މި ކޮމެޓީގެ ސަބަބުން އެ ކަން ހާސިލް ވެގެން ދާނެ،" އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮމެޓީއަށް ހުށަހަޅާ މައްސަލަތައް ސަރުކާރު ބަންދު ނޫން 14 ދުވަހުގެ ތެރޭގައި ނިންމައި، އެ މައްސަލައެއް ނިންމި ގޮތް މައްސަލަ ހުށަހެޅި ފަރާތަށް ލިއުމުން ދޭނެ ކަމަށެވެ.