ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމުގެ ދިފާއަކީ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން: ރައީސް

ދިވެހި ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަމާއި ދިފާއަކީ ހާރިޖީ ސިޔާސަތު ހަރުދަނާވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ބޭރު ގައުމުތަކުގައި ތިއްބަވާ ރާއްޖޭގެ ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ މުޖުތަމައު ގައިވެސް ރާއްޖެއިން ވަކާލާތުކުރަނީ ގަނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ރާއްޖޭގެ ޑިޕްލޮމަސީގެ އަސާސްތައް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ގައުމުގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެމެވެ. އެހެން ގައުމުތަކާއެކު ގުޅުން އުފައްދައި ދަމަހައްޓާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް ކުޑަ ނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހި ގައުމުގެ ހައިބަތު އުފުލައި ދެނީ، މި ދެންނެވި ހަރުދަނާ ޑިޕްލޮމަސީ. މި ގައުމުގެ ދިފާއަކީ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަން. ތިޔަ ސަފީރުންނަކީ، ޑިޕްލޮމަސީ ހިންގަވަން ތިއްބެވި ފަހުލަވާނުން. ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމުގައި، ތިޔަބޭފުޅުންގެ ދައުރު ވަރަށް މުހިންމު." ރައީސް ވިދާޅުވި އެވެ.

ތަރައްގީގެ ކަންކަމުގައި ބޭރުގެ ގައުމުތަކާ ގުޅުން އުފައްދާއިރު ރާއްޖޭގެ ގަދަރާއި ޝަރަފު ހިފެހެއްޓުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ ކަންކަން ބައްޓަން ކުރާނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އަދި ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ގޮތްތަކަށް ކަމަށެވެ.

"ރާއްޖެއަކީ ވެސް ބައިނަލްއަގްވާމީ މުޖުތަމައުގެ ހިއްސާދާރެއް. ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ނަގާ ވަރުގަދަ ރާޅުތައް، މި ރާއްޖޭގެ ގޮނޑުދޮށްތަކަށް ވެސް ބިންދަމުން ދާނެ. ބައިނަލްއަގްވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، މި ރާއްޖެއަށް އަމާންކަމާއެކު ދަތުރުކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި ވިސްނުންތެރިކަމާއެކު، އެއް އަމާޒަކަށް މަސައްކަތްކޮށްގެން." ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ކަމަށާއި އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު ކަަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާ ކަމަން ރައީސް ފާހަގަކުރެއްވި އެވެ.

ނަމަވެސް ގައުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ނުހަނު ގިނަ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު، އިންވެސްޓަރުންނާއި ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ތަަސައްވުރު ރަނގަޅު ކުރުމަށް ކަމަށެވެ.

"މި ކަމުގައި އަމަލީ ގޮތުން، އެންމެ އިސް ދައުރެއް އަދާ ކުރެއްވޭނެ އެއް ބަޔަކީ ދިވެހި ސަފީރުން. ރާއްޖެއަށް މަންފާ ހުރި ގޮތްތައް ހޯދުމުގެ އެންމެ މުހިންމު މޭސްތިރިންނަކީ ވެސް ތިޔަ ބޭފުޅުން. އެހެންކަމުން ތިޔަބޭފުޅުންގެ މަސްއޫލިއްޔަތަކީ ގައުމުގެ ކުރިއެރުމަށާއި، ރައްޔިތުންގެ މުސްތަގުބަލަށް ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވުން." ރައީސް ވިދާޅުވި އެވެ.