ހަބަރު

ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭން ފާސްކޮށްފި

Jun 19, 2019
4

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުކަން ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލުން ބާރު ލިބިގެން ދަނީ ރައީސް ސޯލިހު އުފެއްދެވި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދާ ކޮމިޝަނަށެވެ.

އެ ބިލާ މެދު ގޮތެއް ނިންމެވުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބިލު ފާސްވީ 67 މެންބަރުންގެ ވޯޓުންނެވެ. އަދި ވަކި ގޮތަކަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލު އެންމެ ފުރަތަމަ ހުށަހެޅީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. އޭރު އެ ބިލުގައި ގާނޫނު އަސާސީއަށް ފުށުއަރާ ކިތަންމެ ކަމެއް ހިމެނޭ ކަމަށް ބުނެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ބޭފުޅުންގެ އިތުރުން ގާނޫނީ ދާއިރާގެ ބައެއް އިސް ބޭފުޅުން ކަންބޮޑުވުންް ފާޅުކުރެއްވި އެވެ. އެއަށް ފަހު ބިލުގައި ހިމެނުނު ބޮޑެތި ބާރުތައް ނެގުމަށް ފަހު ބިލު ވެސް ފާސް ނުކޮށް ބޭއްވީ އެވެ.

ނަމަވެސް ރިޔާސީ ކޮމިޝަންގެ ބިލު އަލުން ދިރާސާކޮށް ކުރިން އިސްލާހު ކުރި ގިނަ ބާރުތައް ކޮމިޝަންތަކަށް އަލުން ދޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ލިބުމާއި، މީހުން ހާޒިރު ކުރުމާއި ބަޔާން ނެގުމާއި ބަލާ ފާސް ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެނގުމުގެ ބާރު ވެސް އެ ކޮމިޝަނަށް ދޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ. އޭގެ އިތުރުން ކޮމިޝަން އުވާލިޔަސް އެ ކޮމިޝަންތަކުން ހޯދާފައި ހުންނަ މައުލޫމާތާއި ހެއްކާއި ގަރާނީ އަދި ނަގާފައިވާ ހެކިބަސް އެއީ ސައްހަ ތަކެތީގެ ގޮތުގައި ދެމި އޮންނަ ގޮތަށް ވަނީ ބިލު ބަދަލުކޮށްފަ އެވެ.