ރާއްޖޭގެ ބްލަޑް ބޭންކު ތަކުގައި ހުންނަ ލޭ ބޭނުން ނުކޮށް ޑޯނަރުން މެދުވެރިކޮށް އެކި ފަރާތްތަކުން ލޭ ހޯދަމުންދާ ކަން ފާހަގަ ކުރެއްވިފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް އިން ބުނެފި އެވެ.
ސިއްހީ ދާއިރާގެ މައުލޫމާތު ދޭން ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ފޯރަމެއްގައި މޯލްޑިވިއަން ބްލަޑް ސާވިސްގެ ޑިރެކްޓަރު ނަޔާޒް މުހައްމަދު ވިދާޅުވީ، މާލޭގެ ހޮސްޕިޓަލުތަކުގެ ބްލަޑް ބޭންކުގައި ލޭ ހުރި ނަމަވެސް ގިނަ ފަހަރަށް ލޭ ހޯދަން ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރާ ކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އަދި އެކަން މަދު ކުރަން ޖެހޭ ކަަަމަށެވެ. -- މާލޭ ސިޓީގެ ހުރިހާ ހޮސްޕިޓަލެއްގައި ވެސް ބްލަޑް ބޭންކު ހުރެ އެވެ.
އޭނާ ވިދާޅުވީ ލޭ ހޯދަން ސޯޝަލް މީޑިއާގައި އެ މީހުން ޕޯސްޓުތައް ޖަހާއިރު އެ ފަރާތްތަކުން ލޭ ހަދިޔާ ކުރާ ނަމަ ލޭ ހޯދަން އެގޮތަށް އިއުލާން ކުރަންޖެހޭ މިންވަރު މަދުވާނެ ކަމަށެވެ.
"މިކަން [ލޭ ހަދިޔާ] ކުރުން ފަރުދީ ޒިންމާ އެއް ގޮތަށް ކުރިއަށް ގެންދަން ޖެހޭ. ސޯޝަލް މީޑިއާގައި އެފަދަ ޕޯސްޓުތައް ކުރާ ފަރާތްތަކުން ލޭ ހަދިޔާ ކުރާ ނަމަ މި މެސެޖުތައް އަންނަ މިންވަރު މަދުވާނެ." ނަޔާޒް ވިދާޅުވި އެވެ.
އިމަޖެންސީ ހާލަތް ތަކުގައި ލޭ ބޭނުން ވެގެން ސޯޝަލް މީޑިއާގައި އިއުލާން ކުރުމުގެ ބަދަލުގައި ހޮސްޕިޓަލު ތަކުގެ ބްލަޑް ބޭންކުގައި ލޭ ހުރިތޯ ބަލަން އިސްކަން ދޭން ވެސް އޭނާ އެދި ވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ބޭންކުތަކުގައި ލޭ ހުންނައިރު ކުއްލިއަކަށް ލޭ ބޭނުންވާ މީހުން އެދުމުން ވަގުތުން ލޭ ފޯރުކޮށްދޭނެ ކަމަށެވެ.
"އެ ގޮތަށް ހެދުމުން ސޯޝަލް މީޑިއާގެ ތެރެއިން ލޭ ހޯދަން އުޅެން ޖެހުން މަދުވާނެ. އަޅުގަނޑުމެން އަތުގައި ހުންނަ ލޭ ދޭނަން. އޭޑީކޭ ގައި ހުންނަ ލޭ ވެސް އައިޖީއެމްއެޗުން ބޭނުންވުމުން ފޯރުކޮށް ދޭނެ." އޭނާ ވިދާޅުވި އެވެ.
ނަޔާޒް އެ މޭރުމުން ވާހަކަފުޅު ދެއްކެވި އިރު ޖުލައި 22، 2013 ގައި ބްލަޑް ސާވިސަސްގައި ރައްކާކޮށްފައި ހުރި ލޭގެ ތެރެއިން 38 ޕެކެޓް ލޭ ކުނިވެގެން އުކާލަން ޖެހުނު މައްސަލައެއް ފެންމަތިވެފައި ވެއެވެ. އެ ފަހަރު ލޭ ކުނިވެފައި ވަނީ އެތާނގެ ފްރީޒަރުން ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށް ވެއެވެ. ކަރަންޓު ކެނޑިގެން ބްލަޑް ސާވިސްގައި ލޭ ކުނިވެގެން އުކާލުމަކީ ކުރިންސުރެވެ ދިމާވަމުން އައި މައްސަލައެކެވެ.