ވޭތުވެ ދިޔަ ދެ މަސް ތެރޭ ތެލަސީމިއާ އަށް ކުދިންގެ މަރާއެކު، ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ހަގީގަތް ބެލުމަށް ތެލަސީމިއާ ސޮސައިޓީއިން ގޮވާލައިފި އެވެ.
މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭ ތެލަސީމިއާ ހުންނަ އަށް ކުއްޖަކު މަރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި، މިފަދަ ގޮތަކަށް ކައިރި ކަައިރީގައި ތެލަސީމިއާ ހުންނަ ފަރާތްތަކެއް މަރުވުމަކީ އާދައިގެ ކަމެއް ގޮތުގައި ނުބަލާ މި ކަން މެދުވެރިވި ސަބަބު ހޯދަން އެ ސޮސައިޓީ އިން އެދޭ ކަމަށެވެ.
އަމިއްލަ ޖަމާއަތެއް ކަމަށްވާ ތެލަސީމިއާ ސޮސައިޓީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ވޭތުވެދިޔަ ގިނަ ދުވަސްތަކުގައި ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާއަށް އެކަށީގެންވާ ހެޔޮ ބަދަލެއް މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ. އެގޮތަށް ފާހަގަ ކުރެވޭ ކަންކަންވެސް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި؛
- ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާ އުމުރާ ގުޅޭ ގޮތަށް ބަދަލު ކުރަމުން ނުދާ ކަން
- ތެލަސީމިއާ ސެންޓަރުގައި ތެލަސީމިއާ ސްޕެޝަލިސްޓެއް ނެތްކަން
- ސެންޓަރާއި އައިޖީއެމްއެޗް އާ ދެމެދު ރިފަރަލް ނިޒާމެއް ނެތްކަން، އަދި މިހެން ވުމުން ޕޭޝަންޓުންނަށް ގަވައިދުން ބޭނުންވާ ސްޕެޝަލިސްޓުންނާ ކޮންސަލްޓު ކުރާނެ އުސޫލެއް ހަމަޖެހިފައި ނެތުން
- ތެލަސީމިއާ ކުދިންނަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެވޭފަދަ (ހިމަޓޮލޮޖިސްޓް، އެންޑޯކްރިނޮލޮޖިސްޓް) ސްޕެޝަލިސްޓުން ނެތްކަން
- ސެންޓަރުގެ ޑޮކްޓަރުން އަވަސް އަވަހަށް ބަދަލު ވުމާއި، ފަރުވާދޭނެ އެކަށީގެންވާ ފަރާތްތައް ނެތްކަން
- ތެލަސީމިއާ ފަރުވާގެ ތެރޭގައި، ނަފްސާނީ ދުޅަހެޔޮ ސިއްހަތު ހިމެނިފައި ނެތުން
- އަތޮޅު ތެރެ އާއި މާލޭގައި ދިރިއުޅޭ ކުދިންނަށް ދެވޭ ފަރުވާަގެ ތަފާތުކަން
- ތެލަސީމިއާ ޕޭޝަންޓް ރެކޯޑު ފޮތުގެ ނަމުގައި އޮންނަ ފޮތެއް ފިޔަވައި ސެންޓަރުގައި ތެލަސީމިއާ ޕޭޝަންޓުންގެ އެއްވެސް ރެކޯޑެއް ބެލެހެއްޓިފައި ނެތްކަން
އިތުރަށް ބުނެފައިވަނީ، 2013 ވަނަ އަހަރު ތެލަސީމިއާ މާހިރުންގެ ޓީމެއް ރާއްޖެ ގެނެސް ރާއްޖޭގައި ތެލަސީމިއާގެ ހާލަތު އަދި ތެލަސީމިއާ ކުދިންނާއި މީހުންނަށް ދެވޭ ފަރުވާގެ ހާލަތު ދެނެގަތުމަށްޓަކައި ވަނީ އެސެސްމަންޓެއް ހަދާފައި ކަމަށެވެ. އަދި އެ ރިޕޯޓާއި މެދު ހެލްތު މިނިސްޓްރީ އާއި ތެލަސީމިއާ ސެންޓަރު އަދި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރެވި ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންނަމަވެސް، ރިޕޯޓުގައި ފާހަގަ ކުރެވުނު މައްސަލަތަކަށް ހެޔޮ ބަދަލެއް ގެނެވިފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 2014 ވަނަ އަހަރުވެސް އަލުން އެ ޓެސްޓު ހެދި ކަމަށާއި ހޯދުންތައް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅި ކަމަށެވެ. އަދި، ބައިނަލްއަގުވާމީ ތެލަސީމިއާ ސްޕެޝަލިސްޓުނާއި، ދާއިރާގައި މަސައްކަތް ކުރާ ގިނަ ޑޮކްޓަރުންނާއެކު މަހާސިންތާ އެއް ބާއްވާ، ޑޮކްޓަރުންނަށް ފަރުވާގެ ކަންކަން ރަނގަޅު ކުރާނެ ގޮތްތަކާ ގުޅޭ ހާއްސަ ތަމްރީނުތަކެއް ދެވުނު ކަމަށެވެ.
އެހެންނަމަވެސް، މި ކަންކަމާއެކުވެސް ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާއަށް ބަދަލެއް އައިސްފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގައި ތެލަސީމިއާގެ ކަންކަމަށް ސަރުކާރުން ގިނަ ހަރަދުތަކެއް ކުރާ ކަމަށާއި، ތެލަސީމިއާ ކުދިންނާއި މީހުންނަށް ދެވޭ ފަރުވާ އާއި ހިދުމަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަ އެވެ. އަދި މިއީ އަޅާ ނުލާ ދޫކޮށް ލެވޭ ވަރަށް ވުރެ ކަންބޮޑު ވާން ޖެހޭ ކަމެއް ކަމަށް ބުންޏެވެ.
ބްލަޑް ސާވިސްގައި ތެލެސީމިއާގެ 800 އަށް ވުރެ ގިނަ ދިވެހިން ވަނީ ރަޖިސްޓާ ކޮށްފަ އެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގަ އެވެ.
މި ފަހުން މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 11 އަހަރާއި 27 އަހަރާ ދެމެދުގެ ކުދިންނެވެ.