ހަބަރު

ލުތުފީ ވަޒީފާއަށް ނުނިކުންނަވާ މުސާރަ ނަންގަވަނީ!

Jun 19, 2019
2

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވަޒީފާއަށް ނުނިކުނުންވާ ކަމަށާއި، ނަމަވެސް ކޮންމެ މަހަކު މުސާރަ ނަންގަވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އޭސީސީގެ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކޮށްފައިވާއިރު، ލުތުފީ ވަޒީފާއަށް ނުނިކުންނަވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ކޮމިޝަނުގެ އެއްވެސް ބައްދަލުވުމެއްގައި ލުތުފީ ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި، ނަމަވެސް ގަވައިދުން މުސާރަ ނަންގަވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލަ ކަމާބެހޭ އެއްވެސް މުއައްސަސާއެއްގެ ސަމާލުކަމަށް ގެނެސްފައި ނުވާނެ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނު އެ މައްސަލާގައި އެޅޭނީ ކޮން ފިޔަވަޅެއްތޯ. އެކަމަކު ގާނޫނުގައި ވަރަށް ސަރީހަ އިބާރާތުން އެބަ ބުނޭ ކޮމިޝަނުގެ އެއްވެސް މެންބަރެއްގެ މުސާރާއެއް ނޫނީ އިނާޔަތެއް ވެސް އުންޏެއް ނުކުރެވޭނެއޭ ހާޒިރު ނުވިއަސް،" މުއައްވިޒު ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި މެންބަރު އައިމިނަތު މިންނާ އޮފީހަށް ނުނިކުންނަވާ މުސާރަ ނެންގެވި މައްސަލައާ ގުޅޭގޮތުން ވެސް ސުވާލު ކުރެވުނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިންނާ ވިދާޅުވީ، އޭނާ ބަލިވެއިނުމަށްފަހު ކުރިމަތިވި ސިއްހީ ހާލަތުގެ ދަށުން ޗުއްޓީތައް ހަމަވެގެން އޮފީހަށް ނުނުކުމެ ދިޔައީ އެއް މަސް ކަމަށައި ނަމަވެސް، އެ މަސް ދުވަހަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީއެއް ހޯދަން 18 ވަނަ މަޖިލީހުގެ މިނިވަން މުއައްސާތަކާބެހޭ ކޮމިޓީއަށް ސިޓީއަކުން އެދިވަޑައިގެންނެވި ކަމަށެވެ.

"ޑޮކްޓަރުން ދިން އިރުޝާދުގެ ދަށުން އަޅުގަނޑު އެންމެ ފުރަތަމަ ދެންނެވީ ކޮމިޝަނުގެ މެންބަރުންގެ އަރިހު. އަޅުގަނޑުގެ ހުރިހާ ޗުއްޓީއެއް ހަމަވެއްޖެއޭ އެކަމަކު އަދި އިތުރު މަސް ދުވަސް އެބަ ބޭނުންވެއޭ. ދެން [ކޮމިޝަންގެ ރައީސް] ލުތުފީ ވިދާޅުވީ ކޮމިޝަނަކަށް އެކަމަށް ގޮތެއް ނުނިންމޭނެއޭ، މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާށޭ. ދެން އަޅުގަނޑު ލިޔުމުން ކޮމިޓީގައި އެދުނިން އެކަމަށް ގޮތެއް ހޯދައިދޭން. އެކަމަކު ކޮމިޓީއަކުން އެ ސިޓީއަށް ޖަވާބެއް ނުދެއްވާ،" މިންނާ ވިދާޅުވި އެވެ.

މުއައްވިޒު އިތުރަށް ވިދާޅުވީ ލުތުފީގެ މައްސަލަ މަޖިލީހުގެ ކޮމިޓީގެ ސަމާލުކަމަށް ނުގެންނަން ނިންމީ، މިންނާގެ މައްސަލާގައި ވެސް ކޮމިޓީން ޖަވާބެއް ދީފައި ނުވާތީ ކަމަށެވެ.

މިދިޔަ ފެބްރުއައީ މަހުން ފެށިގެން ލުތުފީ އޮފީހަށް ހާޒިރުވެފައިނުވާއިރު، އޭނާގެ މައްޗަށް ތުހުމަތުވާ މަނީ ލޯންޑަރިން މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި ކޮމިޝަނާއި ކޮމިޝަންގެ ރައީސްގެ ޒިންމާތަކުން އެކަހެރިވެ ވަޑައިގެންފައިވާ ކަން ލުތުފީ އަންގަވާފައި ނުވާ ކަމަށް މުއައްވިޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.