އަބްދުﷲ ދީދީ

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ މާދަމާ ދަރުބާރުގޭގައި ބާއްވަނީ

Jun 19, 2019
10

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ އާންމުކޮށް ހުޅުވާލައިގެން މާދަމާ ދަރުބާރުގައި ފަށާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ދީދީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވަނީ، ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލަތައް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އޭނާ ވެސް އެދިވަޑައިގެންފައި ވަނިކޮށެވެ.

ޖޭއެސްސީން ބުނީ، ފަނޑިޔާރު ދީދީގެ މައްސަލަ ފަށާނީ މާދަމާ ހެނދުނު 10:00 ގައި ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ކަމަށެވެ. ދީދީގެ ސުލޫކީ ފަސް މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީން އިތުރަށް ބުނި ގޮތުގައި، ދީދީގެ އިތުރުން ބައެއް އެހެން ފަނޑިޔާރުންގެ މައްސަލަތައް ވެސް އެ ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ. ނަމަވެސް، އެއީ ކޮން މައްސަލަތަކެއް ކަމެއް ސާފުކޮށެއް ނުދެ އެވެ.

ނަމަވެސް، ފަނޑިޔާރަކު ނިންމާ ނިންމުމެއްގައި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން ގޯސް ކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔަރާމެދު ފިޔަވަޅު ނޭޅޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފަ އެވެ.