އިރާގުގެ ބަސަރާގައި ހުންނަ ތެޔޮ ކުންފުނިތަކެއްގެ މައި މަރުކަޒަށް ރޮކެޓުގެ ހަމަލާއެއްދީ ތިން މީހަކު ޒަހަމްކޮށްލައިފި އެވެ. އެ ތިން މީހުންނަކީ ވެސް އިރާގުގެ ރައްޔިތުންނެވެ.
ހަމަލާ ދީފައިވާ މަރުކަޒަކީ އެމެރިކާގެ އެކްސޮން މޮބިލް އާއި ރޯޔަލް ޑަޗް ޕީއެލްސީ އަދި އިޓަލީގެ އެނީސްޕާ ފަދަ ބައިނަލް އަގުވާމީ ތެޔޮ ކުންފުނިތަކުގެ މައި މަރުކަޒެވެ. އިރާނާާއި އެމެރިކާއާ ދެމެދުގެ ރުޅިވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި އަނެއްކާ ވެސް ތެޔޮ އުފައްދާ ކުންފުނިތަކަކަށް އަމާޒުކޮށް ދީފައިވާ މި ހަމަލައާމެދު ދުނިޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ އިމާރާތަށް ހަމަލާދިނުމުގެ އިރުކޮޅެއް ފަހުން އެކްސަން މޮބިލް ކުންފުނީގެ 21 މުވައްޒަފަކު އެތަނުން ބޭރު ކޮށްފައިވާ ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތައްޓަކައި އެމީހުން ވަގުތުން ޑުބާއީއަށް ވައިގެ މަގުން ފޮނުވާލާނެ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ޗާލްސް ސްޓްރެޓްފޯޑް ބަސަރާއިން ރިޕޯޓްކޮށްފައި ވެއެވެ.
"އެ ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ ތެލުގެ އުފެއްދުންތެރި ކަމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް އައިސްފައެއް ނުވޭ. ކަންބޮޑުވާ ސަބަބަކީ ތެޔޮ ކުންފުނިތަކުގެ އުފެއްދުންތަކަށް އަމާޒުކޮށް ކޮންމެވެސް ބަޔަކު މިފަދަ ހަމަލާތައް ދެމުންދާ މިންވަރު އިތުރުވަމުން ދާދިއުން" ޗާލްސް ރިޕޯޓު ކޮށްފައި ވެއެވެ.
ތެޔޮ ކުންފުނީގެ މައި މަރުކަޒަށް ހަމަލާދީފައި ވާއިރު އިރާގުގައި އެމެރިކާގެ އަސްކަރީ ސިފައިން ތިބޭ ދެ ތަނަކަށް ވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހަމަލާތަކެއް ދީފައި ވެއެވެ.