ހަބަރު

ބްރޯޑްކޮމް އިން ޒައިނާއާއި ސޮފްވާން ވަކި ކުރަން ހުށަހަޅައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ކޮމިޝަންގެ ނަައިބު ރައީސް ފާތިމަތު ޒައިނާ އާއި މެންބަރު އިސްމާއީލް ސޮފްވާން ވަކި ކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ޒައިނާ އާއި ސޮފްވާން ވަކި ކުރަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. އަދި އެ ހުށަހެޅުމަށް ތައީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ޝަފީގެވެ. ބްރޯޑްކޮމް އިން ދެ މެންބަރުން ވަކި ކުރުމަށް ހުށަހެޅި ނަމަވެސް އެކަމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާނީ ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައިކަން ވެސް ނިންމި އެވެ.

ބްރޯޑްކޮމްގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން ޒައިނާ ވަނީ އޭނާއަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެ ބައްދަލުވުމަށް ސޮފްވާން ހާޒިރެއް ނުވެ އެވެ. އަދި މެންބަރުން ވިދާޅުވާ ގޮތުން ކޮމިޝަންގެ މަސައްކަތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައި ނުގަންނަވާތާ ނުވަ މަސްވެއްޖެ އެވެ.