ސްޕެއިން

ސްޕެއިންގެ ޓީމުން އެންރީކޭ ވަކިވެއްޖެ، އާ ކޯޗަކީ މޮރޭނޯ

އާއިލީ ސަބަބުތަކާ ހެދި މި އަހަރުގެ މާޗް މަހުން ފެށިގެން، ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗްގެ މަސައްކަތުގައި ބައިވެރި ނުވާ، ލުއިސް އެންރީކޭ މަގާމުން އިސްތިއުފާ ދީފި އެވެ.

މި އަހަރު މާޗްމަހު، އިންޓަނޭޝަނަލް ބްރޭކުގައި ސްޕެއިންގެ ޓީމުން ކޭމްޕް ކޮށްފައި ވަނިކޮށް، އޭނާގެ އާއިލީ ގާތް މީހަކު މަރުވެގެން އެންރީކޭ ވަނީ ސްޕެއިންގެ ކޭމްޕުން ވަކި ވެފަ އެވެ، އޭގެ ފަހުން ސްޕެއިންގެ ގައުމީ ޓީމުގެ މަސައްކަތެއްގައި އަމަލީ ގޮތުން އޭނާ ބައިވެރިއެއް ނުވެ އެވެ.

އޭނާ ނެތް ވަގުތުގައި، ޓީމަށް އިރުޝާދު ދިނީ، އެންރީކޭގެ އެސިސްޓެންޓް ކޯޗް ރޮބަޓް މޮރޭނޯ އެވެ. މޮރޭނޯގެ ކޯޗު ކަމުގެ ދަށުން ތިން މެޗު ކުޅުނެވެ. ރޯމާ އަށާއި ބާސެލޯނާއަށް އެންރީކޭ ކޯޗް ކޮށްދިން އިރު އޭނާގެ އެސިސްޓެންޓަކަށް ހުރި، މޮރޭނޯ ބުނީ ތިން މެޗުގައި ވެސް އެންރީކޭގެ ލަފާ މެސެޖުގެ ޒަރިއްޔާއިން ފޯރު ކޮށްދީފައިވާ ކަމަށެވެ.

އެންރީކޭ އިސްތިއުފާ ދިނުމުން، މޮރޭނޯ ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗް ކަމަށް ހަމަޖައްސާފަ އެވެ. އެންރީކޭ އާއި މޮރޭނޯ އެކުގައި މަސައްކަތް ކުރަން ފެށީ ބާސާގެ ބީ ޓީމުން ފެށިގެން ނެވެ. އޭގެ ފަހުން ރޯމާ އާއި ސެލްޓަ ވިގޯ އަދި ބާސާގައި ވެސް ފަހުން ސްޕެއިންގެ ގައުމީ ޓީމުގައި ވެސް އެކުގައި މަސައްކަތް ކުރި އެވެ.

މޮރޭނޯ ފާހަގަ ކުރެވެނީ ސްކައުޓިންގައި، މޮޅު ކޯޗެއްގެ ގޮތުގަ އެވެ. އަދި ވީޑިއޯ އެނަލިސިސްގައި އިދިކޮޅު ޓީމު ދިރާސާ ކުރުމުގައި ވެސް އޭނާ ހުނަރު ފާހަގަ ކުރެވެ އެވެ. ފުޓްބޯޅައިގެ ޓްކްޓިކްސް އާ ބެހޭގޮތުން އޭނާ ލިޔުނު ފޮތް "މައި ރެސިޕީ އޮފްދަ 4-4-2" އަކީ ސްޕެއިންގެ ފުޓްބޯޅައިގައި މަޝްހޫރު ފޮތެކެވެ.

އެންރީކޭގެ ބަދަލުގައި، ޑިޕޯޓިވޯ އަލަވޭޒްގެ ކުރީގެ ކޯޗް އަބެލާޑޯ ފެނާންޑޭޒް ގެންނާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ ފަރާތުން މޮރޭނޯގެ މަސައްކަތާ މެދު ހިތްހަމަޖެހޭކަން އެނގުމުން މޮރޭނޯއާ އެކު ކުރިއަށް ދާން ސްޕެއިންގެ ފެޑްރޭޝަނުން ނިންމީ އެވެ.