ހަބަރު

ރަޝިއާގެ ސެކިޔުރިޓީ ކައުންސިލްގެ ސެކްރެޓަރީއާ މާރިޔާ ބައްދަލުކުރައްވައިފި

Jun 19, 2019
3

ރަޝިއާގެ ގައުމީ ސަލަމާތާ ގުޅޭ ކަންކަމުގައި އެ ގައުމުގެ ރައީސަށް ލަފާއަރުވާ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލާއި ޕަޓްރޫޝޭވް އާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފި އެވެ.

ޕަޓްރޫޝޭވްގެ ހާއްސަ ދައުވަތަކަށް ރަޝިޔާގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިންގް އޮފިޝަލްސް ރެސްޕޮންސިބަލް ފޮ ސެކިއުރިޓީގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޝިއާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނާ ބައްދަލުކުރައްވައި ސަލަމާތީ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ހާއްސަ ގޮތެއްގައި ބައިނަލްއަގުވާމީ ޓެރަރިޒަމާގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ހިއްސާކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ރަޝިއާގެ ރައީސް ވުލެޑެމީރު ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ޕަޓްރޫޝޭންގެ އިތުރުން އެގައުމުގެ ޑިފެންސް މިނިސްޓަރާ މާރިޔާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތައް ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ބައިވެރިވާ ބައްދަލުވުމުގައި މާރިޔާ އިއްޔެ ވަނީ ތަގުރީރު ކުރައްވައިފަ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުފޭރުން ފަދަ ކަންކަމުގެ އިތުރުން ބޭރު ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ބުރައިގެ ސަބަބުން ގައުމުގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ހުރަސްއެޅިގެންދާކަމަށް ވަނީ ވިދާޅުވެފަ އެވެ.