ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާބެހޭ ގޮތުން އެ ކޮމިޝަނުން ކުރާ ތަހުގީގު ވެސް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ނިންމައިފި އެވެ.
ގާޒީ ހަސަން ސައީދުގެ އެދުމުގެ މަތިން ޖޭއެސްސީން އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ. އޭނާ ސަސްޕެންޑް ކުރަން ނިންމީ ސުލޫކީ މައްސަލައެއް ބަލަމުންދާތީ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއިން ބުނެފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ވަނީ ޖޭއެސްސީއިން އޭނާ ސަސްޕެންޑް ކޮށްފަ އެވެ. އެއީ ހައި ކޯޓަށް އައްޔަން ކުރި ދެ ފަނޑިިޔާރަކީ ކޮރަޕްޓް ބައެއް ކަމަށް އޭނާ ވިދާޅުވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާ ޖޭއެސްސީ ގޮވައިގެން ސިވިލް ކޯޓަށް ވެސް ވަޑައިގަތެވެ. ނަމަވެސް ފަހުން ވަނީ ދައުވާ އަނބުރާ ގެންދަވާފަ އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ކ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދާއި ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތައް ފަސް މެމްބަރުން ހިމެނޭ ކޮމިޓީއަކާއި ހަވާލު ކުރުމަށް ނިންމާފަ އެވެ.
ގާޒީ ހަސަންގެ އިތުރުން ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީއާއި ގުޅިގެން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގު އެކޮމިޝަނުން ވަނީ ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފަ އެވެ. އެގޮތުން އެ މައްސަލައިގެ ފުރަތަަމަ އަޑުއެހުން މާދަމާ ހެނދުނު ދަރުބާރުގޭގައި ބާއްވަން ވަނީ ނިންމާފަ އެވެ.