ހަބަރު

ގަވައިދާ ހިލާފަށް ބޯޓަކަށް ގަަސްތަކެއް އެރުވި މައްސަލައެއް ބަލަނީ

ލ. ކަލައިދޫ ބަނދަރުގައި އޮތް ބޯޓަކަށް ގަވާއިދާ ހިލާފަށް ކިނބި ގަސްތަކެއް އެރުވި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި، ކަލައިދޫގެ ބަނދަރުގައި އޮތް ބޯޓަކަށް ގަވައިދާ ހިލާފަށް ކިނބިގަސްތަކެއް އެރުވި ކަމަަށް ބުނެ ލ. އިސްދޫ ޕޮލިސް ސްޓޭޝަނަށް މި އަންގާރަ ދުވަހުގެ ރޭ ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ގޮސް ބެލި އިރު 20 ފޫޓް ހުންނަ ވަރުގެ ކިނބި ގަސްތަކެއް އެ ބޯޓަށް އަރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.

އަދި، އެ ގަސްތައް ބުދަ ދުވަހުގެ ހަވީރު އެ ބޯޓުން ބޭލުމަށްފަހު، އެ ގަސްތައް ނަގާފައި ހުރި ތަނުގައި އަލުން އެ ގަސްތައް އިންދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ބުނި ގޮތުގައި، އެ ސަރަހައްދުގައި ހުރި 40 ވަރަކަށް ގަސް އުފުރާ ކަލައިދޫ ބޯޓަށް ވަނީ އަރުވާފަ އެވެ. އަދި އެ ގަސްތަކަކީ އީޕީއޭގެ ހުއްދަނެތި ކަލައިދޫ ކަައުންސިލުން 10 ރުފިޔާގެ މަގުން ވިއްކާލާފައިވާ ގަސްތަކެއް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ..

ކަލައިދޫ ބޯޓަކަށް ގަވައިދާ ހިލާފަށް ކިނބި ގަސްތަކެއް އެރުވި މައްސަލަައިގައި، ފުލުހުން ކަލައިދޫ ކައުންސިލްގެ ރައީސް ސުވާލު ކުރުމުން ކަލައިދޫ އިން ގަސް ނަގަން ވިމާ އީޕީއޭ އަކަށް ނޭނގޭނެ ކަމަށާއި އެއީ މަގެއް ހެދުމަަށް ނެގި ގަސްތަކެއް ކަމަށް ބުނެފައިވާ ކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.