އަންހެނުން

ރައްޓެހިންނަށް ވުރެ އަވަހަށް މުސްކުޅިވަނީތަ؟

Jul 21, 2015
1

ނުވަތަ އެހެން ހީވަނީ ހެއްޔެވެ؟ މޫނުބަލާލޯގަނޑު ކުރި މައްޗަށް އަރާ ކޮންމެ ފަހަރަކު ތިމަންނަގެ އުމުރާއި ސިފަ ބައްދަލުނުވާހެން ހީވަނީ ހެއްޔެވެ؟

މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ގޮތެކެވެ. މިސާލަކަށް އެކުގައި އުޅޭ އެކުވެރިންގެ ތެރެއިން ވެސް ފާހަގަކުރެވޭނެ އެވެ. ތިމަންނައާ އެއް އުމުރެއްގެ ބައެއް އެކުވެރިންނަކީ ފެންނަ ފެނުމަށް އެމީހުންގެ އުމުރަށް ވުރެ ޒުވާންކޮށް ނުވަތަ ހަގުކޮށް ތީރިކޮށް ތިބޭ މީހުންނެވެ. އަދި އެހެންމެ ބައެއް އެކުވެރިން ނުވަތަ ބައެއް މީހުންނަކީ އެމީހުންގެ އުމުރާ ނުބައްދަލު ވަރަކަށް "މުސްކުޅި" ވެފައި ތިބޭ މީހުންނެވެ.

އެހެންވީމަ މިހާ ގޮތެއް އެނގޭ ހެއްޔެވެ؟ ތަޖުރިބާކާރުން އަދި ބުނަނީ މިއީ ހަމައެކަނި ބޭރު ފުށުން މީހާ އަށް އަންނަ ބަދަލުތަކެއް ވެސް ނޫން ކަމަށެވެ. މި އާދަޔާހިލާފު ސިފަ އަކީ މާ އެތެރޭގައި އޮތް ސިއްރެކެވެ.

ބައެއް މީހުން މުސްކުޅިވާ ޕްރޮސެސް ނުވަތަ އޭގެ މަރުހަލާގެ ދުވެލި ތަފާތުވަނީ އެވެ. އެއް އުމުރެއްގެ މީހުންގެ މެދުގައި ވެސް، އަވަހަށް މުސްކުޅިވާ މީހުންނާއި ލަހުން މުސްކުޅިވާ މީހުން ތިބެދާނެ އެވެ. ސައިންސްވެރިން ބުނަނީ މިހެންނެވެ.

ނިއު ޒިލެންޑްގައި 954 މީހަކު ބައިވެރިކޮށްގެން އަހަރުތަކެއް ވަންދެން ކުރިއަށް ގެންދިޔަ ދިރާސާއަކުން ވަނީ މިކަން ސާބިތު ވެސް ކޮށްފަ އެވެ. މީހާ މުސްކުޅިވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ބްލަޑް ޕްރެޝާ އާއި ފުއްޕާމޭގެ ހިނގުން އަދި ކޮލެސްޓްރޯލާއި ބޮޑީ މާސް އިންޑެކްސްގެ އިތުރުން ޑީއެންއޭގެ ކޮލިޓީ ދަށްވުން ފަދަ ސިއްހީ އެކި މައްސަލަތައް ބަލައި ދިރާސާކުރި މި ތަޖުރިބާ އިން އެނގުނު ގޮތުން ބައެއް މީހުން އެމީހުންގެ އުމުރަށް ވުރެ މުސްކުޅި ކަމަށް ދައްކަނީ އެތެރެހަށްޓަށް އަންނަ އަވަސް ބަދަލުތަކެއްގެ ސަބަބުންނެވެ.

މި ދިރާސާގައި އުމުރުން 26 އަހަރާއި 38 އަހަރުގެ މީހުން ބައިވެރިކޮށް އެމީހުންގެ އެކި މަރުހަލާތަކުގައި ތަހުލީލުތައްކޮށްފައިވާއިރު ހަށިގަނޑުގެ ހިނގުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ނުވަތަ އެ ބަދަލުތައް އަވަސްކަމާއި ލަސް ކަމަށް ބިނާކޮށް މީހާގެ ބޭރުފުށުގެ ސިފަ އަށް ބޮޑު ބަދަލުތަކެއް އަންނަކަން ހޯދިފައިވެ އެވެ.

ސައިންސްވެރިން ބުނަނީ މިއީ ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ދެން އޮތް އުފާވެރި ޚަބަރަކީ މިހާރު ވެސް އެކަން ކުރާނެ ގޮތް ސައިންސްވެރިން ދެނެގެންފައިވުމެވެ.

މިކަން ދެނެގެންފައި ވަނީ އަވަހަށް މުސްކުޅިކޮށްލާ ބައްޔެއް ކަމުގައިވާ ވާނާ ސިންޑްރޯމް ތަހުލީލުކުރުމަށް ސައިންސްވެރިންގެ ބައިނަލްއަގުވާމީ ޓީމަކުން ހިންގި ދިރާސާއެއްގަ އެވެ. މި ބަލި ޖެހިފައިވާ މީހުންގެ ޑީއެންއޭ މަސައްކަތްކުރާ ގޮތް ދަސްކުރުމަށް ފަހު ސައިންސްވެރިން ބުނެފައި ވަނީ ސެލްސްތަކުގެ ތެރޭގައި ޑީއެންއޭ މިހާރަށް ވުރެ ރައްކާތެރި ގޮތަކަށް ބަންދުކުރެވިއްޖެ ނަމަ އިންސާނާ މުސްކުޅިވުމުގެ މަރުހަލާގެ ކޮންޓްރޯލް އަތުލެވި އިންސާނުން މުސްކުޅިނުވެ ގިނަ ދުވަހު ދެމިތިބޭނެ ގޮތް ހެދިދާނެ ކަމަށެވެ.

ލޯ ކައިރިން މޫނު މައްޗަށް އަރާ ރުލާއި ބޮލުގެ އިސްތަށިގަނޑު ނުރަވުން ފަދަ މުސްކުޅިކަމުގެ ސިފަތަކުން އަރައިގަތުމަށް ދުޅަހެޔޮ ޑައެޓެއް ހިޔާރުކުރުމަކީ ކުރެވިދާނެ ކަމެކެވެ. މީހާގެ އުމުރު ހިނގަމުން އެ މީހާ މުސްކުޅިވަމުންދާއިރު އޭނާގެ ރެއާއިދުވާލުގެ ޑައެޓަކީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

އެގޮތުން ހަމަށް ޖެހޭ ކެންސަރުގެ ވައްތަރެއް ކަމަށްވާ މެލިގްނަންޓް މެލަނޯމާ އިން ރައްކާތެރިވުމަށް ކޮފީ އިހްތިޔާރުކުރެވިދާނެ އެވެ. ގަވާއިދުން ދުވާލެއްގެ މައްޗަށް ހަތަރު ތަށީގެ ކޮފީ ބޯ މީހާ އަށް މި ކެންސަރުގެ ނުރައްކާ 20 ޕަސެންޓަށް ދަށްކޮށްދެ އެވެ.

ކަރާއަކީ ވެސް ހަންގަނޑު އޮމާންކޮށް، ދުޅަހެޔޮކޮށް ގެންގުޅުމަށް ބޭނުންވާ އެތައް މާއްދާއެއް އެއިން ލިއްބައިދޭ މޭވާއެކެވެ. ހާއްސަކޮށް އަވިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދިނުމަށް ކަރާ އެހީވެ ދެ އެވެ.

މީގެ އިތުރުން އަންނާރާއި ބްލޫބެރީސްގެ އިތުރުން ބިހާއި ވޮލްނަޓާއި އެވޮކާޑޯ އަކީ ވެސް ޒުވާންކަން ދެމެހެއްޓުމަށް ބޭނުންކުރެވިދާނެ ކާބޯތަކެތީގެ އެކި ވައްތަރުތަކެވެ.