ޗައިނާގެ ރައީސް ޝީ ޖިންޕިންގް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން އާއި ބައްދަލު ކުރައްވަން އެ ގައުމަށް ދަތުރުފުޅެއް ފައްޓަވައިފި ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ދެ ގައުމުގެ ވެރިން މިހާތަނަށް ޗައިނާގައި ހަތަރު ފަހަރެއްގެ މަތިން ބައްދަލު ކުރައްވާފައިވާއިރު މިފަހަރުގެ ބައްދަލުވުމުގައި އުތުރު ކޮރެއާގެ ހުއްޓިފައިވާ ނިއުކްލިއާ ޕްރޮގްރާމްގެ ވާހަކައިގެ އިތުރުން އުތުރު ކޮރެއާގެ އެންމެ ގާތް ވިޔަފާރި ޕާޓްނަރު ކަމަށްވާ ޗައިނާގެ އިގްތިސޯދާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރާނެ އެވެ.
ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ޗައިނާއިން ވެސް އުތުރު ކޮރެއާ ނިއުކްލިއާ މައްސަލަ ހައްލު ކުރަން ބޭނުން ވެއެވެ. އެހެން ކަމުން ކުރިއަށް އޮތް ބައްދަލުވުމުގައި އެމެރިކާއާ އުތުރު ކޮރެއާއާއި ދެމެދުގެ މަޝްވަރާތަކުގައި ޖެހުނު މައްސަލަ ސާފުކޮށް އެކަމުގައި ހައްލެއް ހޯދަން މަސައްކަތް ކުރާނެ އެވެ.
ޓްރަމްޕް އާއި ކިމް ގެ ދެމެދު ހަނޯއީގައި މިދިޔަ ފެބްރުއަރީ މަހު ދެކެވުނު ނިއުކްލިއާ ވާހަކަތައް ވަކި ގޮތަކަށް އެއްްބަސްނުވެ ކުއްލިއަކަށް ނިންމާލުމަށް ފަހު ކިމްއާއި ޝީ ބައްދަލުވާ މިއީ ފުރަތަމަ ފަހަރަށް ވާއިރު ފާއިތުވި 14 އަހަރުގެ ތެރޭގައި ޗައިނާގެ ވެރިއެއް އުތުރު ކޮރެއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށް ވެސް މިފަހަރު ވެގެން ދާނެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅު ފައްޓަވާފައިވަނީ ޖީ-20 ސަމިޓް ފަށަން ހަފްތާއަކަށްވެފައި ވަނިކޮން ނެވެ. އެ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޝީ އާއި ބައްދަލުކުރައްވަން ނިންމަވާާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.