ވިޔަފާރި

ވީއައިއޭ ޑިއުޓީ ފްރީއަށް ލަގްޒަރީ މޭކަޕް ބްރޭންޑްތަކެއް

ލަގްޒަރީ މޭކަޕް އަދި ކޮންސެޓިކްސް ބްރޭންޑްތައް ކަމަށްވާ "މެކް" އާއި "ޖޯ މެލޯން" އަދި "ޓޮމްފޯޑް" ހިމެނޭ އައުޓްލެޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީގައި މިއަދު ހުޅުވައިފި އެވެ.

ވީއައިއޭ ޑިއުޓީ ފްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެކް އާއި ޖޯ މެލޯން އަދި ޓޮމްފޯޑަށް ހާއްސަ މި އައުޓްލެޓް ޑިއުޓީ ފްރީގައި ހުޅުއްވައި ދެއްވީ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި އިނގިރޭސިވިލާތުގެ މި ތިން ބްރޭންޑުގެ ބައެއް އޮފިޝަލުން ބައިވެރިވެގެނެވެ.

މި ރަސްމިއްޔާތުގައި އެކްޓިން މެނޭޖިން ޑިރެކްޓަރު ސޯލިހު ވިދާޅުވީ އެއާޕޯޓަށް ދުނިޔޭގެ މަޝްހޫރު މި ފަދަ ބްރޭންޑުތައް އައުމަކީ ރާއްޖެ އަންނަ މީހުނާއި ދިވެހިންނަށް ވެސް މި އުފެއްދުންތައް ހޯދަން ލިބިގެންދާނެ އިތުރު ފުރުސަތަކަށް ވާނެ ކަމަށެވެ.

"މި ބްރޭންޑުތައް ދިވެހިންގެ މެދުގައި ވެސް މަގުބޫލު. މި ފަދަ ބްރޭންޑުތައް ރާއްޖޭގެ ޑިއުޓީ ފްރީ އިން ލިބެން ހުރުމަކީ ލިބޭނެ ފުރުސަ ތަކަށް ވާނެ،" ސޯލިހު ވިދާޅުވި އެވެ.

ވީއައިއޭގައި ހުޅުވި ޖޯ މެލޯން ބްރޭންޑަކީ ސެންޓު އުފެއްދުމަށް ދުނިޔޭގައި މަޝްހޫރު ބްރޭންޑެވެ. އަދި މޭކަޕް ބްރޭންޑް މެކްއަކީ ދުނޔޭގެ މަޝްހޫރު ގިނަ ތަރިން ބޭނުންކުރާ ބްރޭންޑެކެވެ. އަދި ޓޮމްފޯޑް ބިއުޓީ ބްރޮޑަކްޓުތަކުގެ ތެރޭގައި ސެންޓު އުފައްދާ ބްރޭންޑެކެވެ. މި ބްރޭންޑުތައް ރާއްޖޭގެ ޑިއުޓީ ފްރީއިން ރާއްޖެއިން ބޭރުން ލިބޭ އަގުތަކުގައި ލިބެން ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.