ފަނޑިޔާރު ދީދީ ސުލޫކީ މައްސަލަ

ޑީޑީގެ ތަހުގީގު ފުރަތަމަ ދުވަހު ޝައުގުވެރި އެތައް ކަމެއް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީގާޒީ) އާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުލޫކީ މައްސަލައިގެ އަޑު އެހުން އާންމުކޮށް ހުޅުވާލައިގެން މިއަދު ކުރިޔަށް ގެންގޮސްފި އެވެ. މިއީ މާފުށީ ޖަލުހައި އީވާން ނަސީމުގެ މަރާލުމާއި އެ ޖަލުގައި ބަޑި ޖެހި މައްސަލަގައިގެ ޝަރީއަތްތަކަށް ފަހު ފަހުގެ ތާރީހެއްގައި ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ބޭއްވި މިފަދަ ބައްދަލުވުމެވެ. ނަމަބެސް މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ ތަހުގީގެކެވެ. ކުރިން އެއީ ޝަރީއަތްތަކެކެވެ.

މިއަދު އޮތް ތަހުގީގުގެ އަޑު އެހުން ނިމިގެން ދިޔައީ ދީދީއަށް ތުހުމަތު ކުރެވޭ ބޮޑެތި އާ މައްސަލަތަކެއް ވެސް ހާމަވެގެނެވެ. އަދި މުޅި އަޑު އެހުމުގެ މަޖިލިސް ވެސް ދިޔައީ ޖޭއެސްސީ އާއި ދީދީގެ ވަކީލުން ދެމެދު ހިނގި ބޮޑު ޒުވާބެއްގެ ސިފަޖެހިގެނެވެ.

ޖޭއެސްސީގެ ތަހުގީގަށް މިއަދު ދީދީ ހާޒިރުވެ ވަޑައިގަތުމާއެކު ޖޭއެސްސީގެ މެންބަރު މަސްތޫރު ހުސްނީ ރިޔާސަތު ބެލެހެއްޓި ތަހުގީގު ކޮމިޓީގެ ބައްދަލުވުން ފެށިގެން ދިޔައީ އެ ކޮމިޝަނުން މިހާރު ބަލާ މައްސަލަ ޑީޑީއަޢށް ސާފު ކޮށްދެއްވަމުންނެވެ.

އެގޮތުން މަސްތޫރު ހުސްނީ ވިދާޅުވީ މިއަދު ބަލަން ނިންމާފައި ވަނީ ދީދީއާ ގުޅޭ ސުލޫކީ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ބަލަން ނިންމާފައި ވަނީ ފުލުހުން އެ ކޮމިޝަނަށް ހިއްސާކުރި ސިއްރު ދެ ސިޓީއެއްގައި ދީދީއަށް ތުހުމަތު ކުރެވޭ ބައެއް ކަންކަން ހުރުމުން ކަމަަށް ރިޔާސަތުން ބުންޏެވެ.

ފުލުހުން ފޮނުއްވި ދެ ސިޓީ ބައްދަލުވުމުގައި އިއްވާ ދެއްވީ މެންބަރު ހިސާން ހުސެއިނެވެ. އޭނާ ވިދާޅުވީ އެއީ މިދިޔަ ހަފުތާ ބުދަ ދުވަހު ކޮމިޝަނަށް ފުލުހުން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. އެ ސިޓީގައިވާ ގޮތުން އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދިޔަ އިރު ފަނޑިޔާރުކަމުގެ މަގާމްގައި ހުންނަވައިގެން ފައިސާގެ ބަޔަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަަތު ކުރެވޭ ފަރާތަކުގެ އަތުން އެކި ފަހަރުގެ މަތިން ފައިސާ ހޯއްދެވި އެވެ. އަދި މަގާމްގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒް ފައިދާ ވެސް ބަޔަކަށް ހޯއްދަވައި ދެއްވި ކަމަށެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމިޓީ މެންބަރުން

  • ހިސާން ހުސެއިން
  • އިބްރާހިމް ރިފްއަތު
  • އަލީ ޝަމީމް
  • މަސްތޫރު ހުސްނީ (ރިޔާސަތު)
  • ފަނޑިޔާރު މުހައްމަދު އީސާ ފުޅު

"މި ސަވިސް އިން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން ކުއްޔަށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ އިކުވިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައާ، ދައުލަތުގެ ކުންފުނިތަކަށް ޔޫއެސް ޑޮލަރު ހޯދައި ދިނުމުގެ ނަމުގައި އެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް ދިވެހި ފައިސަ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލާގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތާއި ހެއްކާއި ގަރީނާތަކުގެ ތެރޭގައި ދީދީ ފަނޑިޔާރެއްގެ މަގާމްގައި ހުންނަވައިގެން އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ކިބައިން އެކި ފަހަރުގެ މަތިން ފައިސާ ނެނގެވި ކަަމަށް ބެލެވޭ މައުލޫމާތުތަކާއި މަގާމްގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާތަކެއް ހާސިލު ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައުލޫމާތުތަކެއް އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން ފޯނުން ހިންގާފައިވާ މުއާމަލާތްތަކުން ތަހުގީގަށް ލިބިފައިވާތީ އެކަން އިތުރަށް ތަހުގީގު ކުރަމުން ދާކަން ކޮމިޝަންގެ މައުލޫމާތަށްޓަކައި ހިއްސާ ކުރީމެވެ." ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީއިން އެކަނި ސުލޫކީ މައްސަލައެއް ބެލޭ ވަރަށް މައުލޫމާތު ހިމެނިފައި ނުވާތީ އިތުރު މައުލޫމާތު ހިއްސާ ކުރަން ފުލުހުންގެ ކިބައިން އެދިވަޑައިގަތް ކަމަށް ހިސާން ވިދާޅުވި އެވެ. އެގޮތަށް އެދިވަޑައިގަތުމުން އިއްޔެ ފުލުހުން އިތުރު ސިޓީއެއް ފޮނުވި ކަމަށް ވެސް ވިދާޅުވި އެވެ. އެ ސިޓީގައި ފުލުހުން ފާހަގަކޮށްފައިވާ ނުކުތާތައް ހިސާން ވަކިވަކިން ވިދާޅުވި އެވެ.

ފުލުހުުން ފާހަގަ ކުރާ މައްސަލަތައް

1
 

އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި "ސަސްޕެކްޓް 1" ދިން އިންޓަވިއުގައި 2014 ވަނަ އަހަރުން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ހިނގި ޝަރީއަތް ކުރުމުގައި ވަކި ގޮތަކަށް ހުކުމް ކުރުމަށް ބައެއް ފަނޑިޔާރުންނަށް ފައިސާދިން ކަމަށް ބަޔާން ކޮށްފައިވާ އިރު އެކި އަދަދުތަކުން ފައިސާ ހަވާލު ކުރި ފަރާތްތަކުގެ ތެރޭގައި ދީދީ ހިމެނުން.

2
 

ދީދީ ހިމެނޭ ގޮތަށް ބައެއް ފަނޑިޔާރުންނަށް "ސަސްޕެކްޓް 1" އެކި ފަހަރުގެ މަތިން ބައްދަލުކޮށްފައިވާ ކަމަށާއި "ސަސްޕެކްޓް 1"ގެ ކާރުގައި ވަކިން ވެސް އެކި ފަހަރުގެ މަތިން ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އަދި އޭނާގެ އިރުޝާދަށް ދީދީއަށް ދިވެހި ފައިސާ އައި ޑޮލަަރު ހަވާލުކޮށްފައިވާ ކަމަށާއި ފައިސާތަކުގެ ތަފްސީލުތައް ފޯނުގެ ނޯޓްސްގައި ހުންނާނެ ކަމަށް ބުނެ ދެ ފޯނެއްގައި ހުރި މައުލޫމާތުތައް ފުލުހުންނަށް ދައްކާފައިވާ ކަމަށެވެ. އަދި "ވިޓްނަސް 1" މެދުވެރިކޮށް އެކި ފަހަރުގެ މަތިން ދީދީއަށް އެކި އަދަދުތަކުން ފައިސާ ދީފައިވުން.

3
 

ޖުލައި 12، 2017 ވަނަ ދުވަހު ރާއްޖެއިން ފުރަން އުޅެ ކަމަށާއި ޑޮލަރު ބޭނުން ކަމަށް ދީދީގެ ފޯނުން "ސަސްޕެކްޓް 1"އަކަށް މެސެޖުކޮށްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށް. އަދި ފައިސާ ލިބެންވީ ފަރާތްތަކުގެ ނަމްބަރާއި ބައެއް ފަރާތްތަކަށް ދޭންވާ އަދަދު އެސްއެމްއެސްކޮށްފައި ވާއިރު "ވިޓްނަސް 2" ގެ ފޯނަށް ވެސް އެ އަދަދުތައް ފޮނުވާފައިވުން.

4
 

އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގެ ތަހުގީގަށް ފުލުހުން ހައްޔަރު ކުރި މުހައްމަދު ސުއެއިދު އާއި އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ މީހަކު "ސަސްޕެކްޓް 1" އާ މުއާމަލާތް ކުރަމުން އައިއިރު އެ ދެ މީހުންގެ މައުލޫމާތު އޭނާ ދީދީއަށް މެސެޖުކޮށްފައިވާ ކަމަށް. އަދި އެވަގުތު އެ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ދީދީ އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވުން.

5
 

"ސަސްޕެކްޓް 1"ގެ ފޯނުތަކުގެ ކޯލް ލޮގުންނާއި މެސެޖުތަކުން ދީދީއާ ދެމެދު މުއާމަލާތް ކުރެވިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް. އެގޮތުން ދީދީއާ އައިލީ ގޮތުން ގާތް މީހުންނަށާއި ދީދީ ހުށަހަޅުއްވާ ނަންތަކަށް ދައުލަތުގެ ވަޒީފާ ހަމަޖައްސަމުން ދިޔަ ކަމަށް. އަދި މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސިޑަރު ކަމަށް ދީދީ އެދިލައްވާފައިވާ ފަރާތެއް ހަމަޖައްްސަން ދަންނަވާ ފައިވާކަން.

ފުލުހުން ތަހުގީގު ކުރާ މައްސަލައިގެ ތަފުސީލް ހިސާން ވިދާޅުވުމުން ޑީޑީ ވިދާޅުވީ އެ މައްސަލަ ސާފުވެ ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވަކީލް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ އެފަދަ ސީރިޔަސް ތުހުމަތުތަކެއް ކުރެވޭއިރު އިންސާފުވެރިކަމާއެކު ތަހުގީގު ކުރިޔަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޖިނާއީ ބައިތަކެއް ވެސް ހިމެނޭތީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ އިޖުރާއަތްތަށް ފުރިހަމަ ކުރެއްވުމަށް ޖަމީލު ދިޔައީ އެދެމުންނެވެ.

ޑީޑީގެ ގާނޫނީ ވަކީލުން

  • އާދަމް އާސިފް
  • އާދަމް ޝަމީމް
  • ޑރ. މުހައްމަދު ޖަމީލު އަހުމަދު
  • ރޭނިސް މުހައްމަދު ސަލީމް

ޑީޑީގެ ވަކީލުން އިތުރު ފުރުސަތެއް ނެންގެވުމަށް ފަހު ދެތިން ކަމެއް ފާހަގަ ކުރެއްވި އެވެ. އެއް ކަމަކީ ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭނެ ކަމަށް ގާނޫނުތަކުން ބުނާ ހަމަތަކެވެ. އެގޮތުން އެއް ގޮތަކީ ޖޭއެސްސީއަށް ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭނީ އޭނާ ހާޒިރުކޮށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސުވާލު ކުރުމަށް ފަހު ބަޔާނެއް ނެގުމަށް ފަހުގައި ކަަމަށް ޖަމީލު ފާހަގަ ކުރެއްވި އެވެ. އެ ނޫން ނަމަ މައްސަލައެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ ނަމަ ޖޭއެސްސީއަށް އެ ފަނޑިޔާރަކު ސަސްޕެންޑު ކުރެވިދާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"މިތަނުގައި ފަނޑިޔާރު ދީދީ ސަސްޕެންޑުކޮށްފައި މިވަަނީ މިއިން އެއްވެސް ކަމަކާ ގުޅިގެނެއް ނޫން. މިއިން އެއްވެސް އިޖުރާއަތްތަކަށް ބެލުމެއް ނެތި. އެހެންވެ ފުރަތަމަ މިކަންކަން ރަނގަޅަށް ކުރިޔަށް ގެންދެވުމަށް ފަހު އިތުރަށް މައްސަލަ ކުރިޔަށް ގެންދަން އެދެން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލުގެ ޝަކުވާތަކަށް ރައްދު ދެވަމުން ޖޭއެސްސީގެ މެންބަރުން ވިދާޅުވީ މިއަދު ބަލަމުން ދަނީ ދީދީއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިޔަށް ދާނީ ސުލޫކީ މައްސަލަތަކުގައި އަމަލު ކުރާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. ދީދީގެ ސަސްޕެންޝަނާ ބެހޭ ގޮތުން މައްސަލައެއް ވާނަމަ އެކަމާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމުގައި އެ ޝަކުވާތައް ހުށަހެޅުމަށް ވެސް ޖޭއެސްސީގެ މެންބަރުން ވިދާޅުވި އެވެ.

ދީދީގެ ވަކީލުންގެ ފަރާތުން ފާހަގަ ކުރެއްވި އަނެއް ނުކުތާއަކީ އެމަނިކުފާނާ ބެހޭ ގޮތުން ފުލުހުން މައްސަލައެއް ބަލަމުން ދޭތޯ އެ މުއައްސަސާއަށް ފޮނުވި ސިޓީގެ ޖަވާބުގައި މިދިޔަ ހަފްތާ ހޯމަ ދުވަހު ފުލުހުން ބުނެފައި ވަނީ އެފަދަ އެއްވެސް މައްސަލައެއް ތަހުގީގު ނުކުރާ ކަމަށެވެ. ނަމަވެސް އެ ހަފްތާ ބުދަ ދުވަހު އަލުން އެފަދަ މައްސަލައެއް އުފެދިގެން އެއީ ކިހިނެތް ކަމާ މެދު ދީދީގެ ވަކީލުން ސުވާލު އުފެއްދި އެވެ.

އޭގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަމުން އަންނަ އިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ތިން ވަކީލުން ކޮމިޓީގައި ތިއްބެވި ކަމަށް ދީދީގެ ވަކީލުން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އޭގައި މަސްލަހަތު ފުށު އަރާ ކަމަށާއި އެ ތިން ވަކީލުން ތަނާޒުލް ވާން ޖެހޭ ކަމަށް ވެސް ވަކީލުން ދިޔައީ ގޮވާލަމުންނެވެ.

އެކަންކަމަށް ރައްދު ދެއްވުމަށް ޖޭއެސްސީގެ ކޮމިޓީގެ ފަރާތުން ބުނަމުން ދިޔައީ އެއީ މިހާރު ހުށަހެޅިފައި ސުލޫކީ މައްސަލައާ ގުޅޭ ކަމެއް ނޫނެވެ. އެހެންކަމުން އެއިން އެއްވެސް މައްސަލައަށް މި ބައްދަލުވުމުގައި ބަލާކަށް ނުޖެހެ އެވެ. އަދި އެ މެންބަރުން ތަކުރާރުކޮށް މަސައްކަތް ކުރަމުން ގެންދެވީ ފުލުހުން ހުށަހެޅި މައްސަލަތަކާ ގުޅޭ ގޮތުން ދީދީއާ ސުވާލު ކުރެއްވުމަށެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ދީދީ ސީދާ ޖަވާބެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި ވަކީލުންނާއި ޖޭއެސްސީ ކޮމިޓީގެ މެންބަރުންގެ ދެމެދު ހިނގަމުން މުއާމަލާތް ހޫނު ބަހުސަކަށް ބަދަލުވެގެން ދިޔަ އެވެ.

ޖޭއެސްސީއިން ދީދީއާ ކުރި ސުވާލުތައް

  • 2013-2016 އަށް ފަނޑިޔާރުކަން ކުރެއްވިތޯ؟
  • ރިލްވާންގެ މައްސަލާގައި ވަކި ފަރާތަކަށް ބުރަވިންތޯ؟
  • އެއްވެސް މިންވަރެއްގެ ފައިސާއެއް ހޯދުމަށް މެސެޖުތަކެއް ކުރެއްވިތޯ؟
  • ރާއްޖެއިން ބޭރަށް ދިޔުމަށް އެމްއެމްޕީއާރްސީ މައްސަލާގައި ހިމެނޭ މީހެއް ކައިރިން ޑޮލަަރު ހޯދަން އެދުނުތޯ؟

ސުވާލުތައް ކުރަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ދީދީ ވިދާޅުވީ އެނާ އެއްވެސް ރިޝްވަތުގެ ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށެވެ. އަދި ހުށަހަޅައިގެން އުޅޭ މައްސަލައެއް ވެސް ސާފެއް ނުވާ ކަމަށެވެ. އަދި ޖަވާބު ދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ވެސް ނުދޭ ކަމަށް ދީދީ ވިދާޅުވަމުން ގެންދެވި އެވެ.

އަޅުގަނޑާކީ ވެސް އިންސާނެއް އަޅުގަނޑަށް ވެސް ޖަވާބުދާރީވާން ފުރުސަތު ދެއްވާ
ފަނޑިޔާރު އަބްދުﷲ ދީދީ

ތަހުގީގު ކޮމިޓީގެ ބައްދަލުވުން ހޫނުވެގެން ދިޔަ އިރު ދަރުބާރުގޭގައި އެމަންޒަރު ބަލަން އައިސް ތިބި އާންމުން ވެސް އަޑުގަދަ ކުރަން ފެށި އެވެ. އެހެންކަމުން ރިޔާސަތުން އެނގީ އެފަދަ ކަމެއް ކުރާނަމަ ސިފައިން މެދުވެރިކޮށް އެ ބަޔަކު ބޭރު ކުރަން ޖެހޭނެ ކަމެވެ. އެގޮތުން އެ ބައްދަލުވުން ބަލަން އައި ތިން މީހުން ސިފައިން ވަނީ ބޭރުކޮށްފަ އެވެ.

ސުވާލުތަކަށް ޖަވާބު ނުދެއްވާތީ ޖޭއެސްސީގެ އިންޒާރެއް ދީދީގެ ވަކީލުންނަށް ވެސް ދިނެވެ. އެގޮތުން ޖަވާބު ނުދެއްވާނަމަ ސުވާލުތަކަށް ޖަވާބު ދިނުމަށް ދެކޮޅު ހައްދަވަނީ ކަމަށް ނިންމަވާނެ ކަމަށް ރިޔާސަތުން އެނގި އެވެ. އެގޮތަށް އެނގުމާއެކު އަލުން ބައްދަލުވުން ހަމަހިމޭންވެ އާންމު އުސޫލުން ކުރިޔަށް ދާން ފެށި އެވެ.

ތަހުގީގު ކޮމިޓީގެ ބައްދަލުވުން ނިމިގެން ދިޔައީ ދީދީގެ ވަކީލުން ބޭނުންވާ މިންވަރަށް ތުހުމަތުތައް ބައްލަވައި އެއަށް ރައްދު ދިނުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމައިގެނެވެ.