ޔޫއެފާ އާއި އެފްއޭއެމުން ގުޅިގެން ރާއްޖޭގައި ބާއްވާ، 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތް އައްޑޫގައި ބާއްވަން ނިންމައި، މުބާރާތުގެ އިންތިޒާމުތައް ހަމަޖައްސަން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން އެކުގައި މަސައްކަތް ފަށައިފި އެވެ.
މުބާރާތުގައި ޔޫރަޕުން ވާދަ ކުރާނީ ލެޓްވިއާ އެވެ. ދެން ވާދަ ކުރާނީ ސައުދީ އަރަބިއްޔާ އާއި ބޫޓާން އަދި މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖެ އެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 20 ން 29 ގެ ނިޔަލަށެވެ.
ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކުގައި، މިއަދު އެފްއޭއެމްގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާަހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މުބާރާތް ބާއްވަން މާލޭއިން ޖާގަ ނުލިބުމުން އައްޑޫގައި ބޭއްވުމަށް ނިންމީ ކަމަށެވެ.
"މާލެއިން ބޭރުގައި މި ކަން ކުރުމަކީ އަޅުގަނޑުމެން އުފާވާ ކަމެއް،" މަހްލޫފް ވިދާޅުވި އެވެ. "ކުޅިވަރުގެ މަސައްކަތްތައް ކުރިއަށް ދާއިރު ހަމަހަގީގަތުގައިވެސް އަޅުގަނޑުމެން ވަރަށް ބޭނުންވާ ކަމެއް މާލެއިން ބޭރަށް ގެންދިއުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ބިޑް ކުރާއިރުވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސްއަކަށް މިއިނީ މާލެއިން ބޭރަށް ގެންދިއުން، އެހެން ކުޅިވަރުތަކުގެ ތެރެއިންވެސް އަޅުގަނޑުމެން އުންމިދު ކުރަނީ މުބާރާތްތައް މާލެއިން ބޭރަށް ގެންދަން."
މަހްލޫފް ވިދާޅުވީ، އައްޑޫގައި މުބާރާތް ބާއްވާއިރު އެތެރޭގެ ދަތުރު ފަތުރުގެ އިންތިޒާމުތަކާއި އެކޮމެޑޭޝަން އާއި ސްޓޭޑިއަމްގެ ބައެއް މަރާތުތަކާއި ލައިޓިން ސިސްޓަމްގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތުގައި ޔޫތު މިނިސްޓްރީން އެއްބާރުލުން ދޭނެ ކަަމަށެވެ.
ބައްސާމް ވިދާލުވީ، މި އަންނަ މަހު ބާއްވާ މުބާރާތާއެކު، އުމުރުފުރާތަކުގެ އިންޓަނޭޝަނަލް އެކި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަށް ޔޫތު މިނިސްޓްރީން ހިނގާ ޕްރޮގްރާމާއެކު މާލެއިން ބޭރުގައި އެ މުބާރާތްތައް ބޭއްވުމަށް މަގުފަހި ވެގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.