ފަނޑިޔާރު ދީދީ ސުލޫކީ މައްސަލަ

ޑީޑީގެ މައްސަލައަކީ ސިޔާސީ ބޭފުޅެއްގެ ޒާތީ ހަސަދައެއް: ޖަމީލް

ސުޕުރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ހިންގާ ތަހުގީގަކީ ސިޔާސީ ބޭފުޅެއްގެ ޒާތީ ހަސަދައެއް ފިލުވަން ކުރިޔަށް ގެންދާ މައްސަލައެއް ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފަނޑިޔާރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން ވަނީ އެ ކޮމިޝަނުން އިސް ނަގައިގެން ފަނޑިޔާރު ޑީޑީގެ ސުލޫކީ މައްސަލައެއް ބަލަން ހުޅުވާލައިގެން މިއަދު ހެނދުނު ދަރުބާރުގޭގައި އަޑުއެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުމާއި ގުޅިގެން ކުރިން ޖަސްޓިސް މިނިސްޓަރު ކަން ވެސް ކުރައްވާފައި، ޖަމީލް "އަވަސް" އަށް މިއަދު ވިދާޅުވީ، ފަނޑިޔާރު ޑީޑީގެ ސުލޫކީ މައްސަލައެއް ބަލާ ކަމަށްބުނެ ކުރިޔަށް ގެންދާ މައްސަލައިގައި ގާނޫނީ ބުރަދަނެއް ނެތް ކަމަށެވެ.

"މުޅި މައްސަލައަކީ އަޅުގަނޑަށް ފެނުނު ގޮތުގައި، ސިޔާސީ ބޭފުޅެއްގެ ޒާތީ ހަސަދައެއް ފިލުވުމަށްޓަކައި ކުރިޔަށް ގެންދެވޭ އެއްޗެއް. ދެން ކޮންމެ ގޮތަކަށްވީ ކަމުގައިވީ ނަމަވެސް މިއަދުގެ ތަހުގީގުން ދެ ކަމެއް ވަރަށް ސާފުކޮށް ފާހަގަ ވެގެން ދިޔަ. ތުހުމަތުކުރެވޭ ފަނޑިޔާރާ ގުޅޭ ކަމެއްގެ ޖިނާއީ ތަހުގީގެއް ހަގީގަތުގައި ކުރެވިފައެއް ނެތް ރަސްމީ ގޮތަކަށް، ގާނޫނުގައި ބުނާ ގޮތަކަށް ތަހުގީގެއް ނުހިނގާ" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ، ތަހުގީގު ކުރީ މީގެ ދެ އަހަރު ކުރިން އެެހެން ބައެއްގެ މައްޗަށް ކަމަށާއި، އެކަމުގެ ފުލް ރިޕޯޓްވެސް އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާ ހިސާބަށް އައި އިރުވެސް މީގެން އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށާއި، އެ ރިޕޯޓްގައި ރާއްޖޭގެ ވަރަށްގިނަ ވިޔަފާރިވެރިންނާއި، ކުންފުނިތަކާއި، ފައިސާ މާރުކުރި ތަންތަނާއި، ވަރަށް ގިނަ މުއައްސަސާތަކުގެ ވާހަކަ ހުރި އިރު އެއިން އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ކަންބޮޑުވަނީ މި މުޅި އެމްއެމްޕީއާރްސީގެ މައްސަލަ އެ ފަރާތަކަށް ރައްދުވި ކަަމަށް މުޅި ރާއްޖެ ގަބޫލު ކުރާ ފަރާތް ވަރަށް ބޮޑަށް ސާފު ތާހިރުވެއްޖެ. ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވި ސިޓީފުޅަކާއި ގުޅިގެން އަދި މަޖިލިހުގެ ތެރޭގައި ބޭއްވި ނޫސްކޮށްފަރެންސަކަށް ފަހު ހަގީގަތުގައި ޖޭއެސްސީން ފުރަތަމަ ސަސްޕެންޑް ކުރައްވާފައި ދެން ފަށައިގަތީ ވެސް، އެހެންވީމަ މުޅި އެތި މިއޮތީ އެބޭފުޅުންގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ޖޭއެސްސީގެ ގާނޫނާއި، އެފަދަ މައްސަލަތައް ހިންގުމަށްޓަކައި ބައިނަލް އަގުވާމީ މުޖުތަމައިން އެކަށައަޅާފައިވާ މިންގަނޑުތަކުގެ ބޭރުން ކުރިޔަށް ގެންދިޔަ ތަހުގީގެއް" ޖަމީލް ވިދާޅުވި އެވެ.

ފަނޑިޔާރު ޑީޑީގެ މައްޗަށް ޖޭއެސްސީން ވަނީ ވަރަށް ބޮޑެތި ސީރިއަސް ތުހުމަތު ތަކެއް ކުރައްވާފަ އެވެ. އެގޮތުން އެކި ފަހަރު މަތިން އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވުމާއި، ބައެއް ކުށްވެރިން ބަންދުން ދޫ ކުރުމާއި، ބައެއް މަގާމުތަކަށް މީހުން ކަނޑައެޅުމުގައި ނުފޫޒު ފޯރުވުން ފަދަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.