ފަނޑިޔާރު ދީދީ ސުލޫކީ މައްސަލަ

ތަފާތު ހައިސިއްޔަތެއް، ތަފާތު އިބުރަތެއް!

ސުޕުރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ މައްޗަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެމަނިކުފާނު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ސަސްޕެންޑކޮށްފަ އެވެ. އެ މައްސަލާގައި މިއަދު ވަނީ އާމުންނަށް ހުޅުވާލައިގެން ތަހުގީގެއް ކުރިޔަށް ގެންގޮސްފަ އެވެ.

ދަރުބާރުގޭގައި އެ މައްސަލައިގެ އަޑުއެހުން ކުރިޔަށް ދިޔަ ވަގުތު މައްސަލަ ބައްލަވާ ޖޭއެސްސީގެ ކޮމިޓީގައި ތިން ގާނޫނީ ވަކީލަކު ތިއްބެވި އެވެ. އެ ތިން ބޭފުޅުންނަކީ ވެސް، ޖިނާއީ މައްސަލަތަކުގައި ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރައްވާފައިވާ ބޭފުޅުންނެވެ.

ޖޭއެސްސީގައި އިންނަވާ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ އާއި، މަޖިލިހުން ކަނޑައަޅުއްވާފައިވާ މެމްބަރު ހިސާން ހުސައިން އާއި، ބަންޑާރަނައިބު އިބްރާހިމް ރިއްފަތު، މި ތިން ބޭފުޅުންނަކީ ވެސް އެކި މަރުހަލާގެ ކޯޓުތަކުގައި ފަނޑިޔާރު ޑީޑީ، ރިޔާސަތުގައި އިންނަވަނިކޮށް ޝަރީއަތްތަކުގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅުންނެވެ.

ޑީޑީގެ ތަހުގީގަށް ކޮމިޓީ ބޭފުޅުން ހާޒިރުވެ އެ ބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެ ވަޑައިގަތުމުން މިއަދު މިއީ ތަފާތު މަންޒަރުތަކަކާއި އަޑުތަކެއް ފެނި އިވިގެންދާނެ ދުވަހެއްކަން ޔަގީންވި އެވެ.

އެއީ ކުރިން އެބޭފުޅުން ތިއްބެވި ހައިސިއްޔަތާއި މިއަދު ތިއްބެވި ހައިސިއްޔަތާއި، ކުރިން ފަނޑިޔާރު ޑީޑީ އިންނެވި ހައިސިއްޔަތާއި މިއަދު އިންނަވާ ހައިސިއްޔަތު ތަފާތު ވީމަ އެވެ. އަދި ކުރިން އެބޭފުޅުން ދައްކަވާ ވާހަތައް މެދުކަނޑާލައި، ބޭނުން ގޮތެއް ހަދާލުމުގެ ބާރު ފަނޑިޔާރު ޑީޑީއަށް އޮތެވެ. މިއަދު އެ ބާރު މިއޮތީ އެބޭފުޅުންގެ އަތްޕުޅުގަ އެވެ.

އާންމު ހުޅުވާލުމެއްގައި ޑީީޑީގެ ތަހުގީގު ފަށައި ކުރިޔަށް ދިޔައިރު މީގެ ކުރީގެ ހަދާންތަކެއް އާވާންފެށި އެވެ. ފެނުނީ އެއް މަންޒަރުތަކެކެވެ. އަޑު އިވުނީ އެއް ވާހަކަތަކެކެވެ. ތަފާތުވީ މައްސަލައިގެ ތުހުމަތު ކުރެވޭ ބޭފުޅާ އާއި، މައްސަލަ ބަލަން ތިއްބެވި ބޭފުޅުންނެވެ

ކުރިން އެ ވަކީލުން ދައްކަވަމުން ގެންދެވީ އަދުލުވެރި ކަމާއެކު ޝަރީއަތް ކުރައްވަން ޖެހި ވަޑައިގަންނަވާނެ ވާހަކަ އެވެ. ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި، ފުރުސަތު ނުދެއްވާ ވާހަކަ އެވެ. ކުރިން ކުރެއްވީ ދިފާއު ތައްޔާރު ކުރުމަށް ވަގުތު ލިބި ވަޑައި ނުގަންނަވާ ކަމުގެ ޝަކުވާ އެވެ. އަދި ހުށަހަޅާފައިވާ ހެކިތަކާމެދު އުފެދިފައިވާ ޝައްކުތަކުގެ ވާހަކަ އެވެ.

ނަަމަވެސް އޭރު ފަނޑިޔާރު ޑީޑީ ވިދާޅުވަމުން ގެންދެވީ މައްސަލަ ކުރިޔަށް ގެންދަވަނީ ގާނޫނު އަސާސީ އާއި، ކޯޓުގެ ތަކުގެ ގާނުނޫގައި ބަޔާންކޮށްފައިވާ ގޮތަށް ގާނޫނީ އިމުގެ ތެރެއިންނޭ އެވެ.

މިއަދު ހަމަ އެކަނި ބަދަލުވީ އެބޭފުޅުން ތިއްބެވި ހައިސިއްޔަތުގެ ހާލަތެވެ. އެދުވަހު ވަކީލުންގެ ގޮތުގައި ތިއްބަވައި ޝަކުވާތައް ބަންޑުން ކުރެއްވި ބޭފުޅުން މިއަދު ތިއްބެވީ ރިޔާސަތުގައި އެ މައްސަލަ ބައްލަވާށެވެ. މިއަދު އެ ޝަކުވާތައް ކުރެއްވީ ފަނޑިޔާރު ޑީޑީ އެވެ.

ގާނޫނުތަކާއި ހިލާފަށް ކުރިޔަށް ގެންދެވޭ މައްސަލައެއް ކަމާއި، ޖަވާބު ދާރީވާން އެކަށީގެންވާ ވަގުތާއި ފުރުސަތު ނުދެއްވާ ކަމުގެ ކަމުގެ ޝަކުވާ ޑީޑީ މިއަދު ކުރެއްވި އެވެ. ދިފާއުގައި ދައްކަން ބޭނުންފުޅުވާ ވާހަކަތަކަށް ފުރުސަތު ނުދެއްވާ ވާހަކަ ވެސް ވިދާޅުވި އެވެ. ހުށަހަޅާފައިވާ ހެއްކާ މެދުވެސް ޑީޑީ ސުވާލު އުފެއްދެވި އެވެ. އެއީ ކޮންތާކުން ކޮންގޮތަކަށް ހޯއްދެވި ހެއްކެތް ކަން އެނގިވަޑައި ނުގަންނަވާ ވާޖަކަ ވިދާޅުވި އެވެ. މިއަދު އޮތް މަޖިލީހުގައި ފަނޑިޔާރު ޑީޑީ ކުރެއްވި ޝަކުވާތަކަކީ ކުރިން ވަކީލުންވެސް ކުރެއްވި ޝަކުވާތަކެވެ. ފެނުނީ ހަމަ އެއް ކަމެކެވެ.