ހަބަރު

ޖިހާދަށް ދާ ސަބަބު ދެނެގަންނަން ޖެހޭ: މާރިޔާ

Jun 20, 2019
4

ދިވެހިން ރާއްޖެއިން ބޭރަށް ޖިހާދަށް ދާންޖެހޭ ސަބަބުތައް ދެނެގަންނަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިންގް އޮފިޝަލްސް ރެސްޕޮންސިބަލް ފޮ ސެކިއުރިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ދޭދޭ ގައުމުތަކުގެ އިތުރުން ބައިނަލް އަގުވާމީ މުޖުތަމައާ އޮންނަ ގުޅުންތައް ފުޅާކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ބޭރު ގައުމުތަކަށް ހަނގުރާމައަށްދާ ސަބަބުތައް ނުވަތަ ޓެރަރިސްޓަކަށްވާ ސަބަބުތައް ދެނެގަންނަން، އަޅުގަނޑުމެން ދެނެގަންނަންޖެހޭ ގައުމުގެ އެންމެ ބަލިކަށި ދިމާ، އަދި ޓެރަރިސްޓުންނަށް މުޖުތަމައުގެ އެންމެ އާދައިގެ މީހާގެ ފައިދާ ނެގޭ ގޮތްތައް ބަލަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް އަހުވަންތަ ކަމާއި ލޯބި އިސްކުރާ ގައުމެއް ކަމަށާއި އޭގެ ހެއްކަކީ ކާބަފައިގެން ނިންމުންތަކާއި ގޮތްތައް ކަމަށެވެ. ރާއްޖެއަކީ ޓެރަރިސްޓުންނަށް ހިތްވަރުދީ އެފަދަ އަމަލެއްގައި ބައިވެރިވާ ގައުމެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއްގައި ބައިވެރިވާނެ ގައުމެއް ނޫން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ޓެރަރިޒަމާއި ދެކޮޅަށް ޒީރޯ ޓޮލަރެންސް ކަމަށާއި އެކަން ދެމެހެއްޓުމަކީ ޓެރަރިޒަމާއި ގުޅޭ އެޖެންސީތަކުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.