ހަބަރު

ޖަލު ހަމަނުޖެހުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި: މިނިސްޓްރީ

Jun 20, 2019
8

މާފުށީ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން ބުނީ، މިއަދު މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސަވިސް އިން ޖަލަށް ވަގުތުން ޒިޔާރަތްކޮށް، އެ ހާދިސާއާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކޮށްފައިވާ ކަމަށެވެ.

ހާދިސާގައި ގައިދީއަކު އިސްވެ އޮފިސަރަކަށް ހަމަލާދީފައިވާ ކަމަށާއި އަދި އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށްފަހު ގާނޫނުގެ ތަރަހައިގެ ތެރެއަށް ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ބޭނުން ކޮށްފައިވާ ބާރުގެ ތަފުސީލެއް ނުދެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނީ، މާފުށި ޖަލުގައި މިއަދު ގައިދީއަކު އޮފިސަރަކަށް ހަމަލާ ދީފައިވާ ކަމަށާއި އެ ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި ޖަލު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގައިދީ އެހެން ގޮޅިއަކަށް ބަދަލު ކުރުމުގެ ތެރޭގައި އެ އޮފިސަރަށް ހަމަލާދީފައި ވަނީ ދަގަނޑު ބުރިއަކުން ކަމަށްވެ އެވެ.

އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.