ލައިފްސްޓައިލް

ސިޓިން ރޫމުން ފެށި ޔޯގާ ސުޓޫޑިއޯއާ ހަމައަށް!

އިރުޝާދާ އަބްދުއް ސައްތާރު (އިރު) އޭނާގެ ޔުނިވާސިޓީ ދައުރުން ފެށިގެން ވެސް ޔޯގާއަށް ހާއްސަ ޝައުގުވެރިކަމެއް ދެއެވެ. އޭނާ ބުނި ގޮތުގައި ޔޯގާއިން މުޅި މީހާ ބެލެންސް ކޮށްދޭތީ ގޭގެ ސިޓިން ރޫމްގައި އޭނާއާއެކު ޔޯގާ ހަދަން ރައްޓެހިންނަށް ދިން ދައުވަތަކީ އޭނާގެ ޔޯގާ ސްޓޫޑިއޯގެ ފެށުމެވެ.

"އޮފީސް ނިންމާލާފައި އައިސް ޔޯގާ ހަދަން ރައްޓިހިންނަށް ދައުވަތު ދެނީ. ގޭގެ ސިޓިން ރޫމުގައި ހައެއްކަ މެޓު އެޅޭ ވަރަށް އޮންނަ ޖާގައެއްގައި ފެށީ. އެއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ރައްޓެހިންނާއި އެ މީހުންގެ ރައްޓެހިން އައިސް އެކުގައި ޔޯގާ ހަދަންފެށީ. އެހިސާބުން ޖާގައިގެ ދަތިކަން އޮތުމުން ގަޑި އިތުރު ކުރަން ޖެހުނީ. ހެނދުނު ދެ ކްލާސް ނަގާ ހަވީރު ހަތަރު ކްލާހަށް ހެދީ.”އިރު ބުންޏެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އިރު އޭނާގެ ސުޓޯޑިއޯގެ ދޮރު ހުޅުވައިލި އެވެ. އޭގެ ފަހުން މިދިއަ ތިން އަހަރު އެ އިރުގެ ސުޓޫޑިއޯގައި އެކި ސްޓައިލްގެ ޔޯގާ ކްލާސްތައް ގަވާއިދުން ކުރިޔަށް ދެ އެވެ. އޭނާއާއެކު ޔޯގާ ކްލާސްތައް ހިނގަން ދެ މީހަކު ހަރަކާތްތެރި ވެއެވެ. އިރޫ ބުނި ގޮތުގައި ގޮތުގައި ބެލްޓް ބޭނުންކޮށްގެ އޭރިއަލް ޔޯގާ ހަދަން ރާއްޖޭގައި ފަށައިގަތީ ވެސް އޭނާގެ ސްޓޫޑިއޯގަ އެވެ.

"މިހާރު ޝެޑިއުލްގައިވާ ގޮތުން އަލަށް ފަށައިގަންނަ މީހުންނަށާއި އުމުރުން ދޮށީ މީހުންނަށް ވެސް ހާއްސަ ކްލާސްތަކެއް ހިންގަން. މިހާރު ވަރަށް ބޮޑަށް ހިނގާ އެއްޗެއް އޭރިއަލް ޔޯގާ އަކީ. ސްޓޫޑިއޯގައި ދިހަ މީހުންނަށް އެއްފަހަރާ މި ކްލާސްތަށް ނެގޭނެ. މި ކްލާހަށް އެންމެ ތަރުހީބު ބޮޑީ ވެސް،" އިރޫ ބުންޏެވެ.

އިރޫ ބުނި ގޮތުގައި އޭނާ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރި އިރު މަޖްލިސް ރިސެސްއަށް ދިއުމުން އިންޑިއާގެ މައިސޫރަށް ގޮސް ތިން ހަފްތާ ވަންދެން މަސައްކަތް ކުރީ އަޝްޓަންގާ ޔޯގާ ދަސްކުރާށެވެ. ޔޯގާގެ ދަތުރުގައި އޭނާގެ ހިތްކީ އާޝްޓަންގާ ޔޯގާއަށެވެ.

" އެންމެ ބޮޑަށް ހިތް ކީ އަޝްޓަންގާ ޔޯގާއަށް. އެނގުނު އެއީކަން އެންމެ ޝައުގުވެރިވާ ވައްތަރަކީ. އިންޑިއާގެ މައިސޫރުގައި ހާއްސަ ތަމްރީން ހެދިން. އަޝްޓަންގާ ޔޯގާ އޮންނަ ގޮތަކީ މަދުވެގެން އަހަރަކު އެއް ފަހަރު އެބަޖެހޭ ޓީޗަރު ކައިރިއަށް ދާން. އަބަދުވެސް ހަދާ ގޮތް ނޫން އާ ގޮތްގޮތް ދަސް ކުރަން މިގޮތަށް މީހާގެ ލޯ ހުޅުވި ވަރަށް ބޮޑަށް އާ ކަންކަން ދާސްވާނެ. އަހަރަކު ދެ ފަހަރަށް ބަލަން ގޮސް ޓީޗަރާއެކު ޕްރެކްޓިސް ކުރެވޭތޯ"

އިރު ގެ ޔޯގާ ދަތުރުގައި އަބަދުވެސް އޭނާ އާ ކަންކަން ދަސްކުރެ އެވެ. އިންޑިއާގެ އިތުރުން ސްރީލަންކާ އާއި އިންޑޮނޭޝިއާގެ ބާލީ އަދި ސްޕޭންގެ ބާސެލޯނާއަށް ގޮސް ވެސް އިރޫ ވަނީ ޔޯގާގެ ތަޖުރިބާތައް ހޯދާފަ އެވެ.

"ޔޯގާގެ ކްލާސްތަކަކީ އެންމެ ބޮޑު ފޯކަސް ބަހައްޓަނީ ކްލައިންޓުންނަށް ކިއުކޮށް ދިނުމަށާއި އެމީހުންނަށް ހުރިހާ ސަމާލުޔ ކަމެއް ދީގެން. ކްލާހުގައި އެހީތެރިކަން ބޭނުންވާ މީހުނަށް އެހީތެރިވެދޭން. އެހެންވެ އަމިއްލަ ޕްރެކްޓިސް މުޅިން ވަކިން ބާއްވަނީ. ޔޯގާގައި ވެސް އަބަދުވެސް އާ ގޮތް ގޮތާއި ކުރިން ކުރަމުން އައި ގޮތް ނޫން އެހެން ގޮތްގޮތް މި އަންނަނީ އުފެދިގެން. އެހެންވެ އަބަދުވެސް މަސައްކަތް ކުރަން ގިނަ ތަޖުރިބާ ހޯދަން އަބަދުވެސް އާ ކަންކަން ދަސްކުރުމަށް މަސައްކަތްކުރަނީ. ރިސާޗް ހަދައިގެން އެންމެ ރަނގަޅު ގޮތް ހޯދާ ބަލަން."

އިރު ވަނީ ޔޯގާއަށް މީހުން ބިނާ ކުރާ މަސައްކަތްވެސް ފަށާފައެވެ.މާލޭގައި ތިބެ ޔޯގާ އިންސްޓްރަކްޓަރުން ގެ ގޮތުގައި ތަމްރީންވުމުގެ ފުރުސަތު އިރު ސުޓޫޑިއޯއިން ހޯދައި ދެއެވެ.

"އޭރިއަލް ޔޯގާ އިންސްޓްރަކްޓަ ކޯހުގައި ބައިވެރިވެގެން އެހެން ޖިމްތަކުގެ ޓްރެއިނަރުން މި ކޯސް ހަދާ އެ ޖިމްތަކުގައި މި ކްލާސްތައް ހިންގާ. ކުރިއަށް އޮތްތާ އަންނަ ޖުލައި މަހުގައި ތައި ޔޯގާ ބޮޑީވޯކް ނަމުގައި ހާއްސަ ކޯހެއް ހިންގުމަށް މި މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ "މި ކޯހަކީ ބޮޑަށް އެސިސްޓަޑް ސްޓްރެޗިން ދަސްކޮށްދޭ ކޯހެއް. މިސާލަކަށް ކޮނޑަށް ތަދެއް އަރައިގެން އަންނަ ނަމަ ޓްރިގާ ޕޮއިންޓް ތަކަކީ ކޮބައިތޯ ދެނަގެނެ ޕްރެޝާ ޕޮއިންޓްތަކަށް ފިއްތައިގެން މަސަލް ރިލޭކްސްކޮށް ދިނުމަށް ދަސްވާނެ"