ހަނދާނަށް އަންނަނީ މީގެ 10 އަހަރު ކުރި އެވެ. ޕާޓީއެއްގައިލާނެ ހެދުމެއް ފަހަން މަންމަ އަހަރެން ގޮވައިގެން މި ރަށުގެ މަޝްހޫރު ފެހުންތެރިޔާ ފާތުމަތު ރުހުސާނާ (ކަރެއްޔެ ދައްތާ) ގާތަށް ދިޔަ އެވެ. އެ ދުވަހު ކަރައްޔެ ދައްތަ އިނީ ގޭތެރޭގައި ހުރި މުސްުކުޅި ފަހާފޮއްޓެއް ކައިރީ ބޮޑު ބޮޑު ކަތުރަކުން ރޮދި ކޮށާށެވެ. ކަރެއްޔެ ދައްތަ އެދުވަހު ފަހައިދިން ވިލު ނޫ ކުލައިގެ ހެދުން އަހަންނަށް ވެސް ރީތިވި އެވެ. ޕާޓީއަށް ދިއުުން އަދި މާގިނަ ބައެއްގެ ލޯ އެ ހެދުމުން ނުނެއްޓިގެން އުޅުނެވެ. އަހަރެން ރީތީކީ ނޫނެވެ. އެ ހެދުން ރީތީ އެވެ. ދިހަ އަހަރު ފަހުން މިދިއަ ކުޑަ އީދުތެރޭ މަންމައާއެކު އަނެއްކާވެސް ކަރެއްޔެ ދައްތާ ގާތަށް ދާންޖެހިއްޖެ އެވެ. މިފަހަރު ދިޔައިރު ވެސް އާދައިގެ މަތީން ކަރެއްޔެ ދައްތާ ރޮދި ކޮށައިލަ ކޮށައިލާ އިނެވެ. ތަފާތަކީ ކުރިން އެ ދައްތަ އިނީ ގޭ ތެރޭގައި ހުންނަ ސިންގަރު ފަހާފޮއްޓެއް ކައިރީގައި އަކަނިމާއެކަންޏެވެ. މިހާރު "ކަރައްޔެ ފެހުން" ނަންދީފައިވާ ފަހާ ތަނެއް ހުޅުވައި ބައިވަރު ފޮއްޓާއި ބައިވަރު މީހުންވެސް ލައިގެނެވެ.
ދިހަ އަހަރުވީ ހަނދާންތައް ނިއުޅިގެން ދިއުމުން އަހަންނަށް އަހާލެވުނެވެ: ކަރެއްޔެ ދައްތާ ފަހާތަނަހަ ކިތެއް އަހަރޮ ވެގޭ!
އެ ހިސާބުން އެ ފެށުނީ އެވެ. މިހާރު އުމުރުން 62 އަހަރު ވެފައިވާ ކަރެެއްޔެ ދައްތަ ބުނި ގޮތުގައި އޭނާ އުމުރުން 16 އަހަރުގައި ފަހާ ހިތުން އުޅެވޭން ފަށައިފި އެވެ. އަދި 17 އަހަރުގައި ފޮށީ ކައިރީ އިށީނދެ ފަހަން ފެށިއްޖެ އެވެ.
"ހެއްވާ ކަމަކީ ދައްތަ ފަހާ ހިތްވާމާއި އެ ޝައުގުވެރިވިކަން ހުރިކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ބައްޕައަށް،" ކަރެއްޔެ ދައްތަ ބުންޏެވެ. ހަގީގަތުގައި ވެސް އެއީ ތަފާތެކެވެ. އާންމުކޮށް މީހުން ފަހަން ފަހަން ފަށަނީ މަންމަ ފަހާތަން ފެނިގެނެވެ. ނޫނީ މަންމަ ބާރު އަޅައިގެނެވެ.
އޭނާ ބުނި ގޮތުގައި ބައްޕައަށް އެކަން ފާހަގަ ކުރެވޭ ގޮތެއްވީ ވަރަށް ގިނައިން ފަހާ ތަންތަނަށް ގޮސްފައި އެނބުރި ގެއަށް އަންނަ އިރު އަތަށް ބަރަނި ރޮދި ކޮޅުކޮޅު ލައިގެން ގެއަށް އައިސް ފަހަން މަސައްކަތް ކުރާ މަންޒަރު ފެނިގެނެވެ. އޭގެ މާ ގިނަ ދުވަހެއް ނުވެ، ކަރެއްޔެ ދައްތަގެ ބައްޕާ، އޭނާއަށް ފަހާ ފޮއްޓެއް ހޯދައިދީފި އެވެ. ލިބުނު ރަނުގެ ފުރުސަތާއެކު އުމުރުން 17 އަހަރުގައި އެ ފަހާ ފޮށި ކައިރީގައި އިށީނދެ ވަތުއޮޑިއަށް ތޭރި ލައްވައި ބަރަންޏާ ތިނޯހާއި ދަތްގަނޑާ ގުޅުވައިލާ ފަަހަން ފެށީ އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އާދެވުނު އިރު ވެސް ފޫހިވުމެއް ނެތި ފަހަނީ އެވެ.
"އެންމެ ފުރަތަމަ ބައްޕަ ފޮތިކޮޅެއް ދީފައި ބުނީ ރޮދި ޖަހާށޭ! ފުރަތަމަ ފަހަން ދިނީ އެ ޒަމާނުގައި ބައްޕަ ލައި އުޅުނު ފާޑުގެ ހަރުވާޅެއް ފަހަން. ބައްޕަ އޭގެ މިންޖަހައިގެން ހަރުވާޅު ކެނޑިތަން ބަލަން އިނީ ... އަނެއް ދުވަހު އަހަރެން ދަސްކުރީ އެހެން ހަރުވާޅު ކަނޑަން." ފަހާފޮށި ލިބިގެން އެންމެ ފުރަތަމަ ފަހަން އުޅުނު ހަނދާންތައް ކަރެއްޔެ ދައްތަ ސިފަކޮށް ދިނެވެ.
އާންމު ގޮތެއްގައި ފަހާ އުޅޭ މީހުން ހާއްސަ ވެގެން އުޅެނީ ވަކި ވަކި ބާވަތްތަކަށެވެ. އެކަމަކު މި ކަރެއްޔެ ދައްތަ މިއީ އަދި އެހެން ފާޑެކެވެ. ފިރިހެން ހަރުވާޅަކަސް ގަމީހަކަށް ނުވަތަ ފަޓުލޫނަކަސް އަންހެން ލިބާހަކަސް ނަމްބަރު ހެދުމަކަސް އަދި މިހާރު މި ޒަމާނުގެ ގޮތް ހަދާލާފައި ހުންނަ ހެދުމަކަސް މައްސަލައެއް ނެތެވެ. ހަމަ "މި ބުނެލީ އެ ފަހާލީ" އެވެ. ހުރިހާ ވައްތަރެއްގެ ހެދުން ކަރެއްޔެ ދައްތާ ފަހަ އެވެ. އެހެންވިޔަސް ކަރެއްޔެ ދައްތަ މި ރަށުގައި ވެސް އަދި ދެކުނުގައި ވެސް މަޝްހޫރުވެފައި ވަނީ މާ ރީއްޗަކަށް ފާސްކުރި ހެދުން / ދިގު ހެދުން، ފަހައިދޭ ފެހުންތެރިއެއްގެ ގޮތު އެވެ.
"ފުރަތަމަ ދުވަހު ހަރުވާޅެއް! ދެވަނަ ދުވަހު ބައްޕަ ދިނީ ދިގު ހެދުމެއް ފަހާނެ ފޮތިގަނޑެއް. ދެން ފީތާއަކުން އަހަރެންގެ ގައިގެ މިނާ މިންނަގައިގެން ހެނދުން ކެނޑީ... އޭރު ބޯވަޅު ކަނޑާކަށް ނޭނގެ. ބައްޕަ ބުނީ އެންމެ ވެސް ބޯވަޅު ކަޑަނީ ނަމޫނާ އަޅާފައޭ ހެނދުން މަތީ، އެ ގޮތަށް ކެނޑީ ދެން،" ކަރެއްޔެ ދައްތަ ފެހުންތެރިއަކަށް ހަދަން އޭނާގެ ބައްޕަ ދިން ހިތްވަރާއި އެހީތެރިކަން އޭނާ ހަނދާންވެ، އެ ވާހަކަ ދައްކަން އިނީ ވަރަށް ޝައުގުވެރިވެފަ އެވެ.
އާންމުކޮށް މީހުން ވެޑިން ޑްރެސް ފަހަނީ ވަރަށް ކުރިންސުރެ ދުރާލައި ތައްޔާރުވެގެނެވެ. އެކަމަކު މި ދައްތަ އެންމެ ފުރަތަމަ ވެޑިން ޑްރެސްއެއް ފެހީ ކުއްލިއަކަށް އެކަތި ފަހަރުންނެވެ.
"މީހުނަކަށް އޭރު ނޭނގޭނެ ދައްތަ ވެޑިން ޑްރެސް ފަހާ ކަމެއް. އެކަމަަކު އެ ހެދުން ފެނިފައި އެންމެން ހައިރާންވި، އެ އަށް ފަހު ހެދުން ފަހަން އަންނަ މީހުން ވަރަށް ގިނަ ވާން ފެށި،" އޭނާ ބުންޏެވެ.
މި ދައްތަ އެއްވެސް ކޯހެއް ނުހަދަ އެވެ. އޭނާގެ ފުރަތަމަ އެދުރަކީ ބައްޕަ އެވެ. ބައްޕަ ދިނީ ހިތްވަރެވެ. ދެން ފޮއްޓެއް ހޯދައިދީ، އަތަށް ފޮތި މުށެއް ދީފައި ރޮޖަހާށޭ ބުނީ އެވެ. ބައްޕަގެ ފިލާވަޅުތައް ހިތު ދަސްވެ، ފަަހުން ފެހުމުގެ ޑިޒައިންތަކާއި މިން ނެގުމާއި ކެނޑުމުގައި ބަލަން ޖެހޭ ކަންތައް ހިމެނޭ ފޮތެއް ކަރެއްޔެ ދައްތައަށް ލިބުނެވެ.
އެ ފޮތް ބަލައިގެން އޭނާ ހެދުން ފަހަން ފެށި އެވެ. ހަމައެކަނި ފޮތުންނެއްވެސް ނޫނެވެ. ހެދުމެއް ފަހާ ނިމުމުން އޭނާ އަމިއްލައަށް ތަޖުރިބާ ކުރެވޭ ކަންކަން ބަލައި ހޯދައިގެން ވެސް ހުނަރު ތަރައްގީ ކުރީ އެވެ.
"އަހަރެން ފަހާ ހެދުމެއް ގަޔަށް ހެޔޮވަރު ނުވެެއެއް ނުދޭ! ދުވަހަކު ވެސް ފަހާ އެއްޗެއް ކުޑަ ވެގެން މީހަކު ނާންނާނެ. އަޔަސް އަންނާނީ ބޮޑު ވެގެން ހެދުމުގެ ފަތި ޖަހަން." ފަހާފޮށީގެ ކައިރީ 45 އަހަރު ވެފައިވާ ދައްތަ ބުންޏެވެ.
ފެހުމުގައި ކަރެއްޔެ ދައްތަ ފޮލޯ ކުރަނީ އޭނާގެ އެދުރު، އަދި ބައްޕަ އޭނާގެ އަތަށް ފޮތިގަނޑާއި ކަތުރެއް ލައިދީފައި ނަގައި ދިން ފިލާވަޅެކެވެ. އެވީ އޭނާގެ ކާމިޔާބީއަށެވެ. ވަކިވެގެން ގޮސްފައިވާ އެއް ބައްޕަ ކަރެއްޔެ ދައްތަ ގާތުގައި މިހެން ބުންޏެވެ: "ހެދުމެއް ފަހާ އިރު އެ ހެދުން ބޮޑު ވެދާނެ އެވެ! އެކަމަކު ހެދުމެއް ފަހާއިރު އެ ހެދުމެއް ކުޑަ ކުޑަވިޔަ ނުދޭށެވެ! ހެދުން ބޮޑުވެއްޖިއްޔާ ފަތި ޖަހާލައި ކުޑަ ކޮށްލެވިދާނެ އެވެ. އެކަމަކު ކުޑަވި ހެދުމެއް ބޮޑެއް ނުކުރެވޭނެ އެވެ!"
ދިހަ އަހަރު ކުރިން އަހަރެން މި ދައްތައާ ބައްދަލުވި އިރާ މިހާރާ ހާސްބައި ތަފާތެވެ. މިތާނގެ ތެރޭގައި މިހިރީ އެކި ވަރުގެ ފަހާ ފޮށިތައް ބަރިއަކަށް އަތުރާލާފަ އެވެ. ރޮދި ކޮށާ މެޝިނާ ރޮދި އަދި ޖަހާ ގޮތް ހަދާ މެޝިނުތައް ވެސް އެބަހުއްޓެވެ. އަދިކޮބާ! އިހަށް މި ދައްތައް އެކަނި އިނަސް މިހާރު މިތާނގައި ދައްތައާއެކު ބަންގާޅު ފެހުންތެރިން ވެސް އެބަތިއްބެވެ.
"ކަރެއްޔެ ދައްތާ އެބައެނީ... އެހެން ފަހަރެކި އަދި ހެދުމައް ފަހަންނަ އެންނޭ!"