އައިޖީއެމްއެޗް ހޮސްޕިޓަލުން މެނޭޖްމަންޓް ސިސްޓަމް ހޯދުމުގައި ހިޔާނާތްވެފައިވާ ކަމަށް ބުނެ މަގާމުން އިސްތިއުފާ ދެއްވި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއީ ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ޝާފިއީ ވިދާޅުވީ މެނޭޖްމަންޓް ސިސްޓަމް ކުރީ ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެކަން ހަމަ އެގޮތަށް ކުރަމުން ދާތީ ސަރުކާރުގެ ސަމާލު ކަމަށް ވެސް ގެނައި ކަމަށެވެ. ނަމަވެސް ސަރުކާރު އެކަމަށް އަޅާ ލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތް ކުރިއަށް ދަނީ ކޮމިއުނިކޭޝަން މިނިސްޓްރީ އާއި ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ކަމަށާއި އެގޮތުން މިދިޔަ ހަފްތާ ތެރޭގައި އެ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިޔަށް ގެންދަނީ ދެފުށް ފެންނަ ބިޑިން މަރުހަލާއެއްގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ސޮފްޓްވެއާ ހަވާލު ކުރުމުގެ މަރުހަލާތަކާ ބެހޭ ގޮތުން ޝާފިއީ ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގުވާހަކަތަކެއް ކަމަށް ވެސް އައިޖީއެމްއެޗް އިން ބުންޏެވެ.
"..މިނިސްޓާ އިސްތިއުފާ ދެއްވަމުން މި ހޮސްޕިޓަލަށް ރައްދުވާގޮތަށް ދައްކަވާފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން މި ހޮސްޕިޓަލުން ފާހަގަކުރަން" އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.