ހަބަރު

ގައިދީންނަށް އަނިޔާވުން ބަލައެއް ނުގަންނަން، ފިޔަވަޅު އަޅާނަން: މިނިސްޓްރީ

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށް ގައިދީންނަށް އަނިޔާވުން ބަލައެއް ނުގަނެވޭނެ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

ހޯމް މިނިސްޓްރީ އިިން މިހެން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގާ ބައެއް ގައިދީންނަށާއި ކަރެކްޝަންސްގެ އޮފިސަރުންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ދިމާވުމާ ގުޅިގެން ހޯމް މިނިސްޓްރީގެ އިންސްޕެކްޝަން ސެކްޝަންގެ މުއައްޒަފުން ޖަލަށް ވަޑައިގެން ގައިދީންނާއި ޖަލުގެ އިސް ފަރާތްތަކާ ބައްދަލު ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތުން އެނގުނު ގޮތުގައި ކަރެކްޝަންގެ އޮފިސަރަކަށް ގައިދީއެއްގެ ފަރާތުން އަނިޔާވެފައިވާ ކަމާއި ބައެއް ގައިދީންނަށް އެކި ވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ. އަދި އެ މީހުން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އިތުރު އަނިޔާތަކެއް ވެސް ލިބިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެކަމާ ގުޅިގެން އަނިޔާވި ކަރެކްޝަންސްގެ އޮފިސަރާއި ގައިދީންނަށް ލަސް ނުކޮށް އެކަށީގެންވާ ފަރުވާ ދީފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ. އަދި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ މަައްސަލަ އާއި ގައިދީންނަށް އަނިޔާވި މައްސަލަ ކުށްވެރި ކުރާ ކަމަށާއި އެ މައްސަލަ ތަހުގީގުކޮށް، އިހުމާލުވީ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

"..މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވެ ނުދިޔުމަށްޓަކައި ޖަލުގެ އިންތިޒާމްތަކަށް ގެންނަވާ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން މިފުރުސަތުގައި ރައްޔިތުންނަށް އަރުވަން،" އެ ބަޔަނުގައި ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިދީއަކު އެހެން ގޮޅިއަކަށް ބަދަލު ކުރުމުގެ ތެރޭގައި ކަރެކްޝަންސްގެ އޮފިސަރަށް ހަމަލާދީފައި ވަނީ ދަގަނޑު ބުރިއަކުންނެވެ. ކަރެކްޝަންސް އިން ބުނީ ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި ޖަލު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް އަޑުފަތުރިފައިވާ ގޮތުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ގައިދީން ގަޔަށް ޕެޕާ ސްޕްރޭ ޖެހި އެވެ. އޮފިސަރަކަށް އަނިޔާވުމުން ގައިދީންގެ ބޯ ވެސް ބޭލި ކަމަށްވެ އެވެ. ނަމަވެސް ބޯ ބޭލި ކަމަށް ކުރާ ތުހުމަތު ކަރެކްޝަންސް އިން ދޮގު ކުރެ އެވެ.