ހަބަރު

ޖަލު ހާލަތު ބަދަލެއް ނުވޭ، އެކަން ސިޔާސީ ނުކުރެވޭނެ: އިމްރާން

ޖަލުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނުވާ ކަމަށާއި ނަމަވެސް ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުން ޒަމާން މާޒީވެއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ގައިދީއަކު ކަރެކްޝަންސްގެ އޮފިސަރަކަށް ހަމަލާ ދިނުމުން ހިނގި ހަމަނުޖެހުމުގައި ބައެއް ގައިދީންނަށް އެކިވަރުގެ އަނިޔާވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެ ހާލަތު ކުޑަ ދުވަސްކޮޅެއް ތެރޭ ބަދަލެއް ނުވާނެ ކަމަށެވެ.

އިމްރާން ކުރެއްވި ޓްވީޓް

އެހެން ނަމަވެސް ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުން ޒަމާން މާޒީވެއްޖެ ކަމަށާއި އަނިޔާވެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލި ކުރުމަށް ކުރާ ކަންކަމުން ކަރެކްޝަންސްގެ އޮފިސަރުން އެއްކިބާވުމަށް ނަސޭހަތް ތެރިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ގައިދީންނާމެދު ހިނގާ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންގުން ހުއްޓުވާނެ ކަމަށާއި ނަމަވެސް ފުރިހަމަ ތަހުގީގަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅެއް ނާޅާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުމުގައި ގައިދީން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެ މައްސަލަ ބަލަން ނިންމައިފަ އެވެ.