މ. މަޑުއްވަރި

މީމު މަޑުއްވަރީގެ މާކެއުމާއި މަރުހަބާ!

މ. މަޑުއްވަރީން: ނާޒިމް ހަސަން
Jun 22, 2019
1

އިއްޔެގެ އިރުއޮއްސުނުއިރު، "ރާޅުގުޑީ" ގެ ފުރަތަމަ މަންޒިލްގެ ގޮތުގައި މ. މަޑުއްވަރީއަށް އާދެވުނެވެ. ކުޑަކުޑަ މަޑުއްވަރީގެ ބަނދަރު ސަރަހައްދު އޮތީ ފުރިފަ އެވެ. ދެ ޖިންސުގެ ކުޑަބޮޑު މީހުން އެއްވެ ތިއްބެވެ. ކުޑަކުދިން ސަގާފީ ހެދުންތަކުން ނަލަ ހެދިގެން ތިބިއިރު އަންހެންވެރިން ކޮޅުކޮޅަށް ހިނގަނީ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގަ އެވެ.

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފު ކުރުމުގެ ނިޔަތުގައި ފެށި ދަތުރުގައި ވައި ނުލިބި، ގުޑި އަރުވާލެވޭވަރު ނުވެ ތިއްބާ އިއްޔެ މ. އަތޮޅުން ވައި ފަހިވެ، ކައިޓް ސާފު ކުރެވޭވަރުވީ މި އަތޮޅުގެ ތުވަރުންނެވެ. ތުވަރުގެ ރީތި ތުނޑިން ނައްޓާލި ހަތަރު ރާޅުގުޑީގެ މިސްރާބު ޖެހީ މަޑުއްވަރީ އަށެވެ.

ކިރިޔަ ކިރިޔަ ކައިޓް ސާފުކުރެވޭ ވަރަށް ވައި ޖެހުމުން ދިޔަ ނަމަވެސް މި ދަތުރުގައި ބައިވެރިވާ ހަތަރު އެޓްލީޓުން ވެސް ވަނީ ކައިޓް ދުއްވާފައި ތުވަރާއި މަޑުއްވަރީ ދެމެދުގައިވާ ރާސްތާ ކަޑަތުކޮށްފަ އެވެ. އެ ވަރުބަލިކަމާއެކު، މަޑުއްވަރީއާ ހަމައަށް އާދެވުމުން ހަތަރު އެތުލީޓުންގެ ވެސް ވަރުބަލިކަން ފިލައި މޫނު މައްޗަށް ހިނިތުންވުން ގެނަ އެވެ. މަޑުއްވަރީ ފަޅާ ހިސާބުން އެތުލީޓުންނަށް މަރުހަބާކީ ކުރު ފަލިންނެވެ. ދޯންޏެއްގައި ތިބެ ކުރު ފަލި ޖަހާލީ ވަރަށް ޖޯޝުގަ އެވެ.

ހާޝިމް މުހައްމަދު (ސިންބެ) އާއި އަހުމަދު ހަމްދާން (ހަންބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޔޫރީ ޒޫން މަޑުއްވަރީއަށް ފޭބުމާއެކު، މި ރަށުގެ ރައްޔިތުން އެމީހުންނާ ސަލާން ކުރަން ސަފު ދަމާލި އެވެ. ކަރުގައި މާފަތި އަޅުވައި ކުރުނބާއެއް ދިނެވެ. އެއާއެކު، އެމީހުންގެ ޝަރަފުގައި ބެރުގެ އަޑު އިއްވާލި އެވެ.

ރަށުގެ ޒުވާން ބޮޑުބެރު ގުރޫޕުން ވަނީ ބަނދަރު މަތީ ފޯރި ހިއްޕާލައި، ބޮޑުބެރާއެކު ދަފި ވެސް ނަގާފަ އެވެ. ދަފީގެ ފޯރިގަދަވެ، "ރާޅުގުޑި" ކްރޫގެ ބައެއް މެންބަރުން ވެސް ގުރޫޕްގެ ނެށުންތެރިންނާއެކު ފައި ހަމަކޮށްފަ އެވެ. ހަތަރު އެތުލީޓުންނާއެކު ދަތުރު ކުރާ 18 ވަރަކަށް މީހުންގެ ކްރޫއަށް ވެސް ލިބުނީ ކުޑަ މެހެމާނުދާރީއެއް ނޫނެވެ.

މަރުހަބާ ކިޔައި، ހަމަޖެހެވުނުއިރު އިރުއޮއްސި ހަތެއް ޖަހާ ބޮޑުވެއްޖެ އެވެ. ރޭގަނޑުގެ ކެއުމުގެ ގަޑި ޖެހެނީ އެވެ. ބަނދަރު މަތީގައި ހުރި ދުވަސްވީ މީހަކު ފުރަތަމަ ވެސް ބުނެލީ ކާން ތައްޔާރުކޮށްލާފައި އޮތް ބޮޑު ކަމެވެ.

"ކޮއްކޮމެންނަށްޓަކައި މި ރަށު އަންހެންވެރިން މިއަދު އެ އޮތީ ގަދައަށް ކައްކާފައި، ވަރަށް ގަދައަށް ކޭން ހަދާފަ އޮތީ،" އެ ބޭބެ ބުނެލި އެވެ.

ދެން ދިޔައީ މަޑުއްވަރީގެ ހިތްގައިމު "ވުންޑަބާ" ގެސްޓްހައުސްއަށެވެ. ޖައްސާލަން ހަމަ ވަރަށް ފައްކާ ގެސްޓްހައުސްއެކެވެ. ފެންވަރާ ހަމަޖެހިލައިގެން ނުކުތީ ރަށުގެ ބަނދަރާ ޖެހިގެން އޮންނަ އަތިރިމައްޗަށެވެ. އޭރު ބިންމަތީގައި ތަރުފާލު އަޅައި، ވަށައިގެން ފަން ބާއްވައި ގަސް ޖަހާފައި ހުއްޓެވެ.

މިތަނުން ފެނުނީ ބޮޑު ތިން މަލާފަތެއް ގެނައި ތަނެވެ. "މާކޭން" މި އޮތީ ތައްޔާރަށެވެ. ކެއުމަށް ދައުވަތު ދެމުން މަލާފަތް އެއްކޮށް ހުސްކޮށްފައި ނޫނީ ތެދުވުން މަނާ ކުރި އެވެ. އޭގައި ނެތް ކެއުމެއް ހަމަ ނެތެވެ. ބަތާއި އެކި ވައްތަރުގެ ރިހަ އާއި ރިހާކުރާއި ކަރު ހަކުރާއި ސަޓަންޏާއި އަސާރަތައް ނަން ހުސްކޮށް އޮތެވެ. ދިވެހި ކެއުމެއް ދެން އެއަށްވުރެ ފުރިހަމަ ވާނެ ހެއްޔެވެ؟

ކެއުމުގެ ކަންކަމާއެކު، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިޔަށް ދިޔަ އެވެ. ބޮޑުބެރުން ފޯރި ހިއްޕާލާފަ އެވެ. އެއްވެ ތިބި އަންހެންވެރިންގެ އެދުމާއެކު އެތުލީޓް، ޔޫރީއަށް ވެސް ނަށަން އަރަން މަޖުބޫރުވި އެވެ. އޭނާއަށް ވީ ވަރަކުން ބަބުރު ބޮޑުބެރަށް ފައި ހަމަކޮށްލި އެވެ.

"އަހަރެންގެ މޫވްސް އެބަހުރިކަން މިހާރު ދިވެހިރާއްޖެއަށް އެނގޭނެ،" ނެށުމަށްފަހު ޔޫރީ ބުންޏެވެ.

"މާކޭން" އިންސާފުކޮށްދިނުމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު އިސްމާއީލް ހަސަން ކިޔައިދިން ގޮތުގައި ރަޖަބު މަހުގެ 27 ވަނަ ދުވަހު މި ރަށުގައި ބޮޑު މާލޫދު ކިޔުމުގައި ވަރަށް ފޯރީގައި ކުރިއަށްދިޔަ ކަމެކެވެ. ދެ ދުވަހަށް ދެމިގެންދާ މާލޫދުގައި ތިން ހަތަރު ފަހަރަށް ކޭން ގެންނަ ކަމަށްވެ އެވެ. މިހާރު ރަށަށް އަރައި މެހެމާނުންނަށް ދޭ މި ކޭމަކީ އޭރު އުފެދިގެން އައި ކޭމެވެ.

އިސްމާއިލް ހަސަން ބުނި ގޮތުގައި މި ރަށަށް ބޭރުން ކޮންމެ މެހެމާނުންތަކެއް އައި ނަމަވެސް މިގޮތަށް "މާކޭން" ދިނުމަކީ މިހާރު ރަށު އާދައެކެވެ. ރަށަށް އަރައި މެހެމާނުންނަށް މަރުހަބާ ކިޔައި މެހެމާނުދާރީ އަދާކުރުމުގައި އެ ރަށް ފަދަ ރަށެއް މި ސަރަހައްދުގައި ވެސް ނޯންނާނެ ކަމަށް އޭނާ ބުނެ އެވެ. ކޮމި ރަށުން ދިން މަރުހަބާ އާއި މާކެއުމަކީ ހަނދާނުގައި އަބަދުވެސް ހުންނާނެ ކަމެކެވެ. މިއީ މަޑުއްވަރީ "ކްލަބު އަޕްރައިޒިން" އާއި އަންހެނުންގެ ކޮމެޓީ ކައުންސިލް ވެސް ބުރަ މަސައްކަތެކެވެ.