ވިޔަފާރި

ރާއްޖެއަށް ހާއްސަ އަތް ދަބަހެއް ބޭރުގެ ބްރޭންޑަކުން އުފައްދައިފި

Jun 22, 2019
1

ރާއްޖޭގެ "ވަން އެންޑް އޮންލީ" ރީތި ރަށް ރިސޯޓުގެ ނަމާއި ރާއްޖޭގެ ނަން ހިމަނައިގެން، މަޝްހޫރު ދަބަސް އުފައްދާ ބްރޭންޑް "ސްޓޭޓް އޮފް އެސްކޭޕް" އިން އަތް ދަބަހެއް ނެރެފި އެވެ.

ލަގްޒަރީ ޓްރެވަލް ހަބަރުތައް ގެނެސްދޭ ޓްރެވަލް ލެޝާގައިވާ ގޮތުން އޮސްޓޭލިއާގެ އެކްސެސަރީޒް ލޭބަލް ސްޓޭޓް އޮފް އެސްކޭޕް އިން އުފެއްދި އަތް ދަބަސް އެ ކުންފުނީގެ ވެބްސައިޓާއި ރީތި ރަށް ރިސޯޓުން މިހާރު ލިބެން އެބަހުއްޓެވެ.

މި ދަބަސް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މާހައުލުން ފެން ތިން ކުލަ ކަމަށްވާ ވިލު ނޫ ކުލަ އާއި ވެލިމަލައިގެ ހުދު ކުލަ އަދި އުޑުގެ ނޫ ކުލަ ހިމަނައިގެންނެވެ.

ސްޓޭޓް އޮފް އެސްކޭޕް އިން ބުނެފައިވާ ގޮތުގައި މި ދަބަސް ވެގެންދާނީ ޓޫރިސްޓުންނަށް ހާއްސަ ހަދިޔާއެއްގެ އިތުރުން ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ފޮރުވާފައި ބެހެއްޓޭނެ އެއްޗަކަށެވެ.

ސްޓޭޓް އޮފް އެސްކޭޕުން މި އަތް ދަބަސް ވިއްކަނީ 227 ޑޮލަރު (ގާތްގަނޑަކަށް 3،500ރ.) އިން މަތީގެ އަގު ތަކެއްގަ އެވެ.

ރާއްޖެ އަށް ހާއްސަކޮށް މީގެ ކުރިން ވެސް ބޭރު ބްރޭންޑު ތަކުން ޕްރޮޑަކްޓްތައް އުފައްދާފައިވެ އެވެ. މިގޮތުން މަޝްހޫރު ހޫބްލޯއިން ރާއްޖެ އަށް ހާއްސަ އަތު ކުރީ ގަޑިއެއް ތައްޔާރު ކުރިއިރު، ޗައިނާގެ ކުންފުންޏަށް މޯލްޑިވްސް ބުލޫ ގެ ނަމުގައި ސްމާޓް ފޯނެއް ވެސް ނެރެފައިވެ އެވެ.